ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ގާދިއްފުއްޓާއި، އެ އަތޮޅު މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ، ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ ނިޒާމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައި ކަމަށެވެ.

ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެންނެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ގެތަކަށާއި މުއައްސަސާތަކަށް ފެނާ ނަރުދަމާގެ ކަނެކްޝަންތައް މިހާރު ވަނީ ގުޅައިދީފައެވެ.

ގާދިއްފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 500 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 15 މީޓަރު ސަރަހައްދެއްގައި ގްރޮއިން ވަނީ ޖަހާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ތ. ގާދިއްފުށީ ފެނަކަ އައު އޮފީހަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޒަމާނީ އޮފީސް ޢިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ތ. މަޑިފުށީ ވޮލީކޯޓަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީ ކޯޓެކެވެ. މިވޮލީކޯޓު އެޅުމުގެ މަސައްކަތްކޮށްފައި ވަނީ، ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން