ރައްޔިތުން ވަނީ އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ތ. މަޑިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެގޮތުން ރައްޔިތުން އެދެމުން ދިޔައީ އަމާންކަމާއެކު ޤައުމުގައި އުޅެވޭނެ މަގު ތަނަވަސްވެގެން ދިއުމަށް ކަމަށާއި، މިއަދު އެ އަމާޒަށް ވާސިލުވުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޤައުމުގައި ހަމަޖެހުން ޤާއިމުކޮށްދެވިފައިވާ ކަމަށާއި، ކެމްޕޭނަށް ވަޑައިގަންނަވާ ހުރިހާ ރަށަކުންވެސް ފެންނަމުންދަނީ އުފާވެރިކަން ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ދެއްވާ ވޯޓަކީ ގެއްލިގެންދާ ވޯޓެއް ނޫންކަން ރައްޔިތުން ޤަބޫލު ކުރަށްވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

"އެދުވަހު ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ އޭރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލުމަށް." ރައީސް މިއަދު މަޑިފުށީގައި ވިދާޅުވިއެވެ.

ރައީސް ވަނީ މަޑިފުއްޓަށް ކުރިއަށް އޮތް ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިޔަމިގިއްޔާއި މަޑިފުށި ގުޅާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު އެރަށުގައި ހައުސިންގ ޔުނިޓު އަޅުއްވައި ދެއްވާނެ ކަމަށާއި، ގެދޮރު އެޅުމަށް ބޭނުންވާ ލުއި ލޯނު ފަސޭހަކަމާއެކު ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމަވާނެކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން