ޑިމޮކްރެޓުންގެ ސަރުކާރުގައި މާލޭގެ 25،000 އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ޑިމޮމްރެޓުންގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކުރުމަށް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އިލްޔާސް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށްޓަކައި ތަންފީޒު ކުރަށްވާނީ ރައީސް ނަޝީދުގެ "ވެށިފަހި މާލެ ވިޝަން" ކަމަށެވެ.

އިލްޔާސް ވިދާޅުވެފައިވަނީ، މާލޭގައި 16،193 އާއިލާއެއް މިހާރުވެސް 600 އަކަފޫޓަށް ވުރެ ކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ކަމަށެވެ. އެމައްސަލައަށް ޙައްލު ހޯއްދަވައި ދެއްވުމަށްޓަކައި ޑިމޮކްރެޓުންގެ ވެރިކަމުގައި މާލޭގެ 111، 351، 355، 356 އަދި 360 ނަންބަރު ކޮށި ހުސްކޮށް އެ ބިންތަކުގައި 15 ބުރީގެ ކޮންޑޮމީނިއަމް އިމާރާތްތަކެއް 18 މަސްދުވަހުގެ ތެރޭގައި ޢިމާރާތް ކުރަން ވަނީ ނިންމާފަ އެވެ. އަދި ކޮންމެ ކޮންޑޯ އެއްގައި 500 އާއިލާއަށް ދިރިއުޅެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ ވެށިފަހި މާލެ ސިޔާސަތުގައިވާ ގޮތުން މި ކޮށިތަކުގެ، ޖުމްލަ 202،684 އަކަފޫޓު ބިމުގައި، ދެ ކޮޓަރީގެ 1،581 ޔުނިޓާއި އަދި ތިން ކޮޓަރީގެ 767 ޔުނިޓް ހިމެނޭހެން ޖުމްލަ 2،347 ކޮންޑޮމީނިއަމް ޔުނިޓް އިމާރާތްކުރެވޭނެ އެވެ.

ހަމައެއާއެކު މާލޭގެ އެންމެ ތޮއްޖެހިފައިވާ 10 ކޮށި ފާހަގަކޮށް އެ ކޮށިތަކަށް ރަޖިސްޓްރީ ކޮށްފައިވާ އުމުރުން 18 އަހަރުން މަތީގެ 4،187 މީހުންނަށް ވަކި ކޮންޑޮމީނިއަމް ޔުނިޓެއް އަދި އެ ކޮށިތަކުގައިވާ ކޮންމެ ގޯއްޗަކަށް 1،000 އަކަފޫޓަށްވުރެ ކުޑަ ނޫން ގޯއްޗެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މި ކޮށިތަކުގައި ހުރި އިމާރާތްތަކަށް އަދުލުވެރި ބަދަލުދިނުމަށް ހިމަނާފައިވެ އެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހުސްކުރެވޭ 516،158 އަކަފޫޓުގެ 10 ކޮށީގައި ދޭއް އަދި ތިން ކޮޓަރީގެ ޖާގަ ތަނަވަސް 5.147 ކޮންޑޮމީނިއަމް ޔުނިޓު 18 މަސްދުވަހުގެ ތެރޭގައި އިމާރާތްކުރުމަށް ޕްލޭންކޮށްފައިވާއިރު އެ މަޝްރޫއަށް އަށް ބިލިއަން ރުފިޔާ ހޭދަވާނެއެވެ.

މީގެ އިތުރުން މާލޭ ރަށްވެހިންގެ ތެރެއިން ބޯހިޔާވަހިކަމެއް ހޯދުމަށް، އާމްދަނީއެއް ނުލިބޭ އާއިލާތަކަށް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ކައުންސިލް ހައުސިން ތައާރަފުކުރަން ވަނީ ޑިމޮކްރެޓުންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމަނާފައިވެއެވެ. ކައުންސިލް ހައުސިން ޕްރޮގްރާމަށް މާލޭގައި ދެކޮޓަރިއާއި ތިން ކޮޓަރީގެ ޖުމްލަ 2،000 ފްލެޓް އިމާރާތްކުރުމަށް ކަނޑައަޅާފައިވާއިރު މި މަޝްރޫއަށް 2.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ވަނީ މާލެ އަތޮޅުގައި މިހާރު ވެސް މީހުން ދިރިއުޅޭ ތިން ރަށެއް ގްރޭޓާ މާލެ އޭރިއޭގެ އިޚްތިޞާސްގެ ތެރޭގައި ހިމެނުމަށް ހުށައަޅާފައެވެ. އެއީ ތުލުސްދޫ، ހިންމަފުށި އަދި ހުރާ އެވެ. އެ ގޮތަށް ހަމަޖެއްސުމަށްފަހު ފަސް އަހަރު ދުވަހުގެ ތެރޭގައި 25،000 އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް އަމާޒު ހިފާނެކަމަށް ޑިމޮކްރެޓުންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާ އެކު، މާލެއަށް އެތެރެކުރާ އުޅަނދުތަކުގެ އަދަދު ވެސް ލިމިޓު ކުރާނެ ކަމަށް އެ ސިޔާސަތުގައި ވަނީ ފާހަގަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން