އަހުމަދު އިބްރާހިމް   29 އޯގަސްޓު 2023 - 13:50
މިހާރު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފްކޮށް ބައެއް ކަންކަމުގައި ބޭނުން ކުރަމުން އައިނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު ޑިޖިޓަލް އެއްވެސް ކާޑެއް ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި، ބޭނުންކުރެވޭނީ ދައުލަތުގެ ރަސްމީ 3 ލިޔުމެއްކަމަށެވެ. އެއީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) އާއި ދިވެހި ޕާސްޕޯޓު ނުވަތަ ޕާސްޕޯޓް ކާޑާއި ޑްރައިވިންގ ލައިސަންސް ކާޑެވެ. މިއިން އެއްވެސް އެއްޗަކީ މުއްދަތު ހަމަވެފައި އޮތް އެއްޗަކަށް ވެގެން ނުވާނެއެވެ. މިހާރު މުއްދަތު ހަމަވެފައި އޮތްނަމަ ވޯޓުލާ ދުވަހުގެކުރިން އާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަނދާންކޮށްދެއެވެ. ވޯޓުލާން ދާއިރު ގެންދަންޖެހޭނީ މުއްދަތު ހަމަނުވާ މިދެންނެވި ތިން ލިޔުމުގެ ތެރެއިން ލިޔުމެކެވެ.

ޑްރައިވިން ލައިސަންސްގެވެސް ބަލައިގަންނަނީ ކާޑެވެ. ލައިންސަންސް ފޮތްފަދަ އެއާގުޅޭ އެހެނިގެން ލިޔެކިއުންތަކާއި އުފަންދުވަހުގެ ސެޓިފިކެޓުފަދަ ލިޔުންތައް ވޯޓުލުމަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) އާއި ދިވެހި ޕާސްޕޯޓު ނުވަތަ ޕާސްޕޯޓް ކާޑާއި ޑްރައިވިންގ ލައިސަންސް ކާޑުގެ ފޮޓޯވެސް ބޭނުމެއް ނުކުރެވޭނެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ 5 ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓެކެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 282395 މީހަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން