ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ ދާޚިލީ ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ލ. މުންޑޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ހުރިހާ ދިވެހިންވެސް ބޭނުންވަނީ ރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށެވެ. ނަމަވެސް ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮންނާނީ ދިވެހިންނަށް މިނިވަންކަމާއެކު އުޅެވޭނެ ގޮތް ހަދައިދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމެއް މިނިވަން ޤައުމަކަށްވަނީ ރައްޔިތުންނަށް މިނިވަންކަމާ އެކީގައި އުޅެވޭނެ ގޮތް އެ ޤައުމެއްގެ ސަރުކާރަކުން ތަނަވަސްކޮށް ދިނުމުން ކަމަށެވެ. އެގޮތުން ރާއްޖެ އަކީ މިނިވަން ޤައުމެއް ކަމަށް އަޑަށް ބާރުލާފައި ކޮންމެ މީހަކަށްވެސް ބުނެވިދާނެ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް މިނިވަންކަމާއި ހަމަހަމަ ކަމާއެކު އުޅެވޭނެ ފުރުސަތު ނެތްނަމަ އެމިނިވަންކަން ރައްޔިތުންނަށް އިޙްސާސް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، ބައެއް އެހެން ގައުމުތަކުގައި ދާޚިލީ ހަނގުރާމަތައް ހިނގަމުން ދަނީ ރައްޔިތުންގެ މެދުގައި ތަފާތުކުރަމުން ދާތީ ކަމަށާއި، އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ހުރި ބޮޑެތި ތަފާތުތައް ރާއްޖޭގައި ނެތް ކަމަށެވެ.

"ކުރީ ސަރުކާރުތަކުން އާންމުންނާ މެދު ތަފާތުކުރުން ގެންގުޅެފައި އެބަހުރި. މި ސަރުކާރުގެ މަޤްސަދަކީ އެ ތަފާތުތައް ނައްތާލުން." ރައީސް މިއަދު ވިދާޅުވިއެވެ.

މުންޑޫއަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ އާބާދީ މަދު ނަމަވެސް، މި ސަރުކާރުން މުންޑޫގެ ރައްޔިތުން ބާކީނުކުރާނެ ކަމަށެވެ. އަދި އެރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި މުންޑޫގެ ބަނދަރު ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށާއި، ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން