އިންތިޚާބެއްގެ ނަތީޖާ ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ވޯޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ލ. މާބައިދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އިންތިހާބެއްގެ ނަތީޖާ ބަދަލުކުރުމަށް ބޭނުންވަނީ 1 ވޯޓު ކަމަށާއި ކިތައްމެ ބުރަ މަސައްކަތެއް ކުރި ނަމަވެސް ނަތީޖާ ބަދަލުކުރުމަށް ބޭނުންވާ ވޯޓަކީ މުހިންމު ވޯޓެއް ކަމަށެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފަރުވާތެރިކަމާއެކު ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި މާބައިދޫން 20 ވޯޓުގެ ތަފާތަކުން އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެރަށަށް ވެސް ވައުދުވީ ކަންކަން ބަރާބަރަށް ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ވޯޓު ލުމުގައި ބަލަންޖެހެނީ ތިމާއަށާއި، ރަށަށާއި، ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ މިއަދުވެސް ފަރުވާކުޑަ ނުކުރައްވައްޗޭ، މިއީ ގައުމަކާ ދޭތެރޭ ގޮތް ނިންމަން ލިބޭނެ އެންމެ މުހިންމު ފުރުސަތު. ވޯޓަކީ ވަކި މީހަކު ބުނެގެން ވަކި ގޮތަކަށް ލާން ޖެހޭނެ އެއްޗެއް ނޫން." ރައީސް ވިދާޅުވިއެވެ.

މާބައިދޫގެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ވެސް އެރަށުގެ ރައްޔިތުން އެދޭ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ކޮށްދެއްވާނެކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. އަދި ސިޔާސީ ވިސްނުމަށް ބަލައި އެއްވެސް ރަށަކާމެދު ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާބައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމާއި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށާއި، ސްކޫލަށް ބޭނުން ވަސީލަތްތައް ގާއިމުކުރުމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ހެއްދެވުމަށާއި، އިންޑޯ ޖިމާއި ޔޫތު ސެންޓަރު ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން