ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. މާބައިދޫ އާއި މާވަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ، ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ލ. މާބައިދުއަށް ވަޑައިގެން އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ކަމަށެވެ. އަދި މާވަށަށް ވަޑައިގެން އެމަނިކުފާނު ވަނީ މާވަށު ބަނދަރުގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި އެރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި މާބައިދޫ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަތަނަވަސްކޮށް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މާބައިދޫގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 980 ކިލޯވޮޓެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކޮށްދެއްވި ލ. މާވަށު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އަދި މާވަށު ބަނދަރު ގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި ބޮޑުހިލަ ބޭނުންކޮށްގެން 284 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 40 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ކޮށްފައިވެއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން