ލ. ފޮނަދޫގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކޮށް އެރަށުގައި އިތުރު ހައުސިން ޔުނިޓުތައް ޢިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެ ވެރިކަމުގެ ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ލ.އަތޮޅަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ހަބަކަށް ހައްދަވާނެކަމަށެވެ. އެގޮތުން ފޮނަދުއަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަމުގެ ތެރެއިން އެރަށުގައި އޮފީސް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވި ވިދާޅުވުން ފާހަގަކޮށްލެވެ.

ފޮނަދުއަކީ އަތޮޅުގެ ނިސްބަތުން ސަރުކާރުގެ އޮފީސްތައް ގިނަ ރަށެކެވެ. މިހާރު އެ އޮފީސްތައް ހިނގަމުންދަނީ އެކި ތަންތަނުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އޮފީސްތައް ހިންގަން ޖެހިފައިވާގޮތުން ބައެއްކަހަލަ ދަތިތައް ކުރިމަތިވާކަމަށެވެ. އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުމާއެކު އެއް ޢިމާރާތަކުން ހުރިހާ އޮފީހެއްގެ ޚިދުމަތް ލިބި މިހާރު ދިމާވާ ދަތިތަކާއި އުނދަގޫތަކަށް ޙައްލު ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފޮނަދޫގައި އާ ހައުސިންގ މަޝްރޫޢެއް ހިންގަވައިދެއްވާނެކަމަށާ، އެރަށުގެ މަގުތަކުގެ ތެރެއިން މިހާރު ނުހެދިހުރި ހުރިހާ މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ލ.ފޮނަދުއާއި ގަމަކީ ތަރައްޤީގެ މައި އެއް ހަބަށް ހެއްދެވުންކަމަށާ، މިސަރަޙައްދަކީ 10 އަހަރުދުވަހުގެތެރޭގައި ފަންސަވީސް ހާސް މީހުންގެ އާބާދީއެއްގެގޮތުގައި ތަރައްޤީކުރެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގެ މި ދައުރުގައިވެސް ލ.އަތޮޅަށް މުހިންމު މަޝްރޫޢުތަކެއް ކަނޑައެޅުއްވިއެވެ. ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާއިރު ބައެއް މަޝްރޫޢުތައް ވަނީ ނިމިފައެވެ. އަދި ބޮޑެތި ބައެއް މަޝްރޫޢުތައް ވަނީ ކޮވިޑް-19ގެ ޙާލަތުގެ ސަބަބުން ލަސްވެފައެވެ. އެހެންނަމަވެސް އަންނަ ދައުރަށް އިންތިޚާބު ވެވަޑައިގެންފިނަމަ މިހާރު ލަސްވެފައިވާ މަޝްރޫޢުތަކާއި އިތުރު މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށް ރައީސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން