ރާއްޖެއަށް ސިޔާސީ އިސްލާޙު ގެނައުމަށް މަސައްކަތްކުރި ރައްޔިތުންގެ މިންނެތް މަސައްކަތުން މިއަދު މިވަނީ އަނިޔާވެރިކަން ނިމުމަކަށް ގެނެސްފައިކަމަށާ، މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުން ޖަލުތަކުގައި އަނިޔާވެރިވުމަށް އަދި ރާއްޖޭގައި އަނިޔާވެރިކަން އޮތުމަކަށް ޖާގައެއް ނުދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ހިތަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވަނީ ރާއްޖޭގައި ކުރިން އޮތް އަނިޔާވެރިކަމާއި ޖަލުތަކުގައި ކުރަމުންދިޔަ ލާއިންސާނީ އަނިޔާގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ރައީސް ވިދާޅުވީ އެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރި އެތައްބަޔަކު ލ. އަތޮޅުގައިވެސް އެބަތިބިކަމަށެވެ. ޚާއްސަކޮށް ލ.ހިތަދުއަކީ ސިޔާސީ އިސްލާހީ ހަރަކާތް އެންމެ ފުރަތަަމަ ފަށައިގެން ކުރިއަށް ގެންދިޔައިރުގައިވެސް އެޙަރަކާތުގައި ބައިވެރިވި ބަޔަކު ތިބި ރަށެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ގިނަޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރުމަށް އެމްޑީޕީ އިސްވެ އޮވެ ފެށި މަސައްކަތުގައި އޭރުގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްވަރު ކަންކަން ހިނގައިދިޔަގޮތުގެ މައްޗަށް ރައީސް ޞާލިޙު އަލިއަޅުއްވާލެއްވިއެވެ. އޭރު އޮތް ޙާލަތު ބަދަލުކޮށް ޖަލުތަކުގައި ހިންގި އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެވުނީ އެތައްބައެއްގެ ގިނަމަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަސައްކަތުގައި ނުކުމެ އުޅުނު އެތައްބަޔަކު ބޭނުންވީ ޖަލުގައި ހިނގަމުންދިޔަ އަނިޔާތަކުން ސަލާމަތްވުމަށްކަމަށާ، ގުޅިގެން ކުރި މަސައްކަތުން އެކަން ހުއްޓުވުނުކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މިއޮތީ ޙާލަތު ބަދަލުވެފައިކަމަށާ، މިއަދު ޖަލުގައި އަނިޔާއެއް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނީ ކަރާމަތް ގެއްލޭ ގޮތަށްވެސް އެއްވެސް ކަމެއް ނުކުރާނެކަމަށާ، އެފަދަ ޝަކުވާއެއް އުފުލިއްޖެނަމަ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އެކަމާމެދު ވަގުތުން ފިޔަވަޅު އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލ.ހިތަދޫފަދަ ރަށްރަށަކީ ކުރީގެ ސަރުކާރުން މާބޮޑު އަޅާލުމެއް ބެހެއްޓި ރަށްރަށެއް ނޫންކަމަށެވެ. އެންމެ އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމުގައިވެސް ކުދި ރަށްރަށް އޮންނަނީ އޭރުގެ ސަރުކާރުގެ ލިސްޓުގެ އެންމެ ފަހަތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ޚިދުމަތް ދޭން ފެށިކަމަށާ، ތަރައްޤީއާއި ކުރިއެރުމުގައި އެއްވެސް ރަށެއް ތަފާތެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޑައިގެންނެވި ރަށްރަށް އޭގެ 5 އަހަރުފަހުން މިއަދު ވަޑައިގަންނަވާއިރު އޭރުވީ ވަޢުދުތައް ފުދިފައިވާތަން ނުވަތަ ފުދެމުންދާތަން ފެނިވަޑައިގަންނަވާކަމަށެވެ. މިކަމާ އުފާކުރައްވާކަމަށާ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ތަރައްޤީގެ އާ ޒަމާނެއް މިރަށްރަށަށް ގެނެސްދެއްވާނެކަމަށެވެ.

އެގޮތުން ލ. ހިތަދުއަށްވެސް މުހިންމު ގިނަ ކަންކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމައި ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމާއި ޒަމާނީ ފެންވަރު ވޮލީ ކޯޓެއް ހެދުމާއި ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުންފަދަ ކަންކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން