އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ނަމުގައި ދޫކޮށްފައިވާ ވަރަށް ކުދިކުދި އާދައިގެ ޕްލެޓުތަކަށް އެންމެ ނިކަމެތި ޢާންމު ރައްޔިތުން މިލިޔަނުން ކުލި ދައްކަންޖެހޭއިރު، ހަމަ އެތަނާ ޖެހިގެން އޮތް ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން އެހެންބަޔަކަށް ހިލޭ ބިން ދިނުމަކީ ކޮންކަހަލަ އިންސާފެއްތޯއޭ ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.

ޤާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އޭނާ ދުވަހަކުވެސް ދެކޮޅު ނަހައްދަވާނެކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންވާނީ އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.

ދާދިފަހުން ހުޅުމާލެއިން މާލޭގެ ރަށްވެހިންގެތެރެއިން ބަޔަކަށް ހިލޭ ބިން ދިން މައްސަލައަށް އިޝާރާތްކުރައްވައި ޤާސިމް ވިދާޅުވީ ދިވެހިދައުލަތުގައި އޮތް އެންމެ އަގުބޮޑު މި ބިމަކީ އެންމެހާ ދިވެހި ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ ބިމެއްކަމަށެވެ. އަދި އެންމެ އަގުބޮޑު ބިމުން ވަކި ބަޔަކަށް ހިލޭ ބިން ދޭއިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މިވަނީ މަޙްރޫމުވެފައިކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ހަމަ އެބިމުގައި އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ނަމުގައި ޢިމާރްކޮށްފައިވާ ކުދިކުދި ފްލެޓް ތަކުން 20އަހަރާއި 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ޤާސިމްވަނީ ސަރުކާރާ ސުވާލުކުރައްވާފައެވެ.



އަންނަ ރިޔާސީ އިންތިކާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް މުހިންމު ގިނަ ސިޔާސަތުތަކެއް އެކަށައަޅުއްވާފައެވެ. އެގޮތުން ޤާސިމްގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދެއްވާނެކަމަށް ޤާސިމްވަނީ ވައުދުވެވަޑައިގެންފައެވެ.

ޤާސިމް އަމީން 2023، މެނިފެސްޓޯގައިވާ މުހިންމު ވަޢުދުތަކުގެތެރޭގައި ކަށަވަރު ބޯހިޔާވަހިކަމުގެ ދަށުން މުހިންމު ގިނަ ވަޢުދުތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިޔާސީ ދައުރުގައި 30،000 ހައުސިން ޔުނިޓު ހަދައި ބޯހިޔާވަހިކަން ބޭނުންވެ، ނުލިބިތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ހައުސިން ޔުނިޓުތައް ހަދާގޮތުގެ ތަފްސީލަސް ބަލާއިރު، ގްރޭޓަރ މާލެ ސަރަޙައްދުގައި ޢިމާރާތްކުރަނީ 15،000 ހައުސިން ޔުނިޓެވެ. ދައުރުގެ ތެރޭގައި އެތަންތަން ނިންމައި ހައްޤުވެރިންނަށް ޙަވާލުކުރާނެއެވެ. އަދި އަތޮޅުތަކުގައި ހަދާ ހައުސިން ޔުނިޓުތައްވެސް ދައުރުގެތެރޭގައި ނިންމައި ޙަވާލުކުރާނެކަމަށް ޤާސިމް ވައުދުވެ ވަޑައިގެންފައިވެއެވެ.

އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި ކުރިން ބޯހިޔަވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން 18000 ހައުސިން ޔުނިޓު "ފުރަތަމަ ގެދޮރު"ގެ ނަމުގައި ހަދައި ނިންމައި ޙަވާލުކުރާނެކަމަށް ޤާސިމް އެމަނިކުފާނުގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިހާރު ޢާންމުންނަށް ދީފައިވާ ހައުސިން ޔުނިޓުތަކުގެތެރެއިން ހިޔާ ފްލެޓުތަކާއި ފުލުހުންނާއި ސިފައިންގެ ފްލެޓުފަދަ އެންމެހައި ސޯޝަލް ހައުސިންގެ ކުލި މަޢާފްކޮށްދެއްވާނެކަމަށް ޤާސިމްވަނީ ވައުދުވެ ވަޑައިގެންފައިވެއެވެ.

އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގެދޮރު ހައްޤުވާ ފަރާތްތަކަށް އެމީހަކަށް ޕޮއިންޓު ލިބުމުން އޭގެ ތަފްސީލާއި ގެދޮރު ލިބޭ ތަނާއި ތާރީޚުވެސް ފެންނާނެކަމަށާ، އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި ކުރިން ބޯހިޔަވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ހަދާ 18000 ހައުސިން ޔުނިޓު ނުވަތަ "ފުރަތަމަ ގެދޮރު"ގެ ފައިންނޭސިންއަށް ހަމައެކަނި 10 އިންސައްތަ އިކިއުޓީއާއި 5 އިންސައްތަ އިންޓްރެސްޓުގައި ސަރުކާރުން ލޯނުދޭނެކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ. އަދި އަމިއްލަ ބިމުގައި ނުވަތަ ބަންޑާރަ ބިމުގައި އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް 10 އިންސައްތަ އިކުއިޓީއާއި 5 އިންސައްތަ އިންޓްރެސްޓުގައި ސަރުކާރުން ލޯނު ދޭނެކަމަށްވެސް ވައުދުވެ ވަޑައިގެންފައިވެއެވެ.

ޤާސިމްގެ ސަރުކާރުގެ ހައުސިން ސިޔާސަތުގެ ތެރެއިން އަގު ކޮންޓްރޯލްކޮށްފައިވާ 6000 ހައުސިން ޔުނިޓު "އުޖާލާ ގެދޮރު"ގެ ގޮތުގައި ވިއްކަން ވަނީ ނިންމާފައެވެ. އަދި ވިޔަފާރި އުސޫލުން 6000 ހައުސިން ޔުނިޓު "ނަލަ ގެދޮރު"ގެ ނަމުގައި ވިއްކަން ވަނީ ނިންމާފައެވެ.

ސިފައިންނާއި ފުލުހުންގެ މިހާރު ނުނިމިގެން އުޅޭ ފްލެޓުތައް ނިންމައި ފުރަތަމަ އަހަރުގެތެރޭގައި ޙަވާލުކުރާނެކަމަށާ، އިތުރު 1000 ފްލެޓު ސިފައިންނާއި ފުލުހުންނަށް އަލަށް ޢިމާރާތްކޮށް 3 އަހަރުގެތެރޭގައި ޙަވާލުކުރާނެކަމަށްވެސް ޤާސިމް ވައުދުވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބުދުއްލޯރަސީދު

13-Sep-2023

އެއްވެސް އިންސާފެއްނޫން



ޓްރެންޑިން