ޠަބިޢީގޮތުން ރާއްޖެ އުފެދިފައި އޮތް ޖަޒީރާ ވަންތަ ނިޒާމުގެތެރެއިން ރާއްޖެ ތަރައްޤީކުރަން އެނގިވަޑައިގެންނެވި ވެރިޔަކީ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށާއި، މިދައުރުގައި އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިންގައި ގދ.ތިނަދޫގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންނަށް ހަޤީޤީ މާނާގައި އުފާފާގަތިކަން ގެނެސްދެވޭނީ ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި ޠަބީޢީ ނިޒާމާ އެއްގޮތަށް ތަރައްޤީގެ ޕްލޭންތައް ކުރިއަށް ގެންގޮސްގެންކަމަށެވެ.

އެކަންކުރައްވަން މިހާތަނަށް އެނގިވަޑައިގެންނެވީ ރައީސް ޞާލިޙަށްކަމަށް އިމްރާން ވިދާޅުވިއެވެ. އެމަނިކުފާނަކީ ރާއްޖޭގެ ބޮޑުރަށެއް ކުޑަރަށެއް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވި ހަމައެކަނި ވެރިޔާކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ސިޓީތަކާއި ރަށްރަށް ތަރައްޤީކުރާފަދައިން އަދި އެތަންތަނުގައި އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރާފަދައިން އެންމެ ކުދިކުދި އާބާދީތަކަށްވެސް އެޚިދުމަތްތައް ބޭނުންވާކަން ޤަބޫލުކުރެއްވީ ރައީސް ޞާލިޙުކަމަށާއި، އަދި ޢަމަލުން އެކަން ދައްކަވައި ރާއްޖެއަށް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން އިމްރާން ފާހަގަކުރެއްވިއެވެ.

އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށާއި، އެމީހުންނަކީ ރާއްޖޭގެ ކުދިރަށްރަށުގެމަތިން ހަނދާންނައްތާލާފައިވާ ބައެއްކަމަށެވެ. އެއީ ލާމަރުކަޒީ ވިސްނުން ހަޖަމުނުކުރެވޭ ބައެއްކަމަށާއި، ލާމަރުކަޒީ ވިސްނުމާއި ޚިޔާލު ނެތްބަޔަކަށް ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށް ތަރައްގީނުކުރެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާނުވަނީ މިހާރު ރާއްޖެ މިދެކޭ ތަރައްޤީ ދެމެހެއްޓުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުދީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދިނުމަށް އެދި ތިނަދޫގެ އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން