އާރުޓީއެލް އިން ދެކުނުގެ އަތޮޅުތައް ގުޅާލުމަކީ މުސްތަޤްބަލަށް އޮތް ފަހިކަމެއްގެ ގޮތުގައި އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ސިފަކުރަށްވައިފިއެވެ.

އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލެވިގެން މެނުވީ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

އާރުޓީއެލްގެ ދަށުން ހުވަދު އަތޮޅާއި ޒޯން 6 ހައިވޭލިންކަކުން ގުޅާލާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކުން ދެކުނުގެ ތިން އަތޮޅު ގުޅާލުމަކީ ރަނގަޅު މުސްތަޤްބަލެއްއޮތް ކާމިޔާބު ދަތުރުތަކެއް ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެކުނުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަވާ ސީޝެލްގެ އޮނަރަރީ ކޮންސުލްގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ފިރާގު ވިދާޅުވީ، ދެކުނުގެ ވިޔަފާރިތަކުގައި ޙިއްސާވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދަތުރުފަތުރުގެ ނިޒާމް އިތުރު ހަރުފަތަކަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ދެކެލައްވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ޓޫރިޒަމް އަދި ވިޔަފާރިތަކަށް އިތުރު ފަސޭހަކަމެއް ލިބިގެން ދާނެ." ފިރާޤު ވިދާޅުވިއެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅުގަ އެވެ.

އާރް.ޓީ.އެލް. ފެރީތަކަކީ ޖުމްލަ 50 ފަސެންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން