ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަމަ ކޮންމެ ކަމެއްގައި ސަރުކާރަކާ ދެކޮޅުވުމަކީ ޑިމޮކްރަސީ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ޚާއްސަ މެހެމާނެއްގެގޮތުގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރާ ދެކޮޅުވެރިވެ ޢަމަލުކުރެއްވި ގޮތަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހަމަ ކުރާ ކޮންމެކަމަކާ ދެކޮޅަށް ތެދުވެ ވާހަކަދެއްކުމަކީ އަދި އެއީ ޑިމޮކްރަސީއެއް ނޫންކަމަށެވެ.

ރައްޔިތުން އޮތީ ބަސްބުނެފައިކަމަށާ، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީއަށް ދިނުމަށްފަހު ޖެހިގެން އައި މަޖިލިސް އިންތިޚާބުގައި ރައްޔިތުންވަނީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ދީފައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ދަމަހައްޓައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމަކީ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަމެއްކަމަށް އިޝާރާތްކުރައްވައި ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވަންވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު މަޖިލީހުގައި ހުންނެވިއިރުވެސް އެރޫޙުގައި މަސައްކަތް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު މިހިނގާ މަލްޓިޕާޓީ ނިޒާމުގައި ސަރުކާރު ހިންގާ ފަރާތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަރުކާރު ހިންގުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީގެ މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ޙާލަތާއި އެނޫންވެސް ބައެއް މުހިންމު ދަނޑިވަޅުތަކުގައި މިސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކާއި ސިޔާސަތުތައް ސަރުކާރުން ބޭނުންވި އަމާޒަށް ގެންދެވުނީ މަޖިލީހާއި އެނޫންވެސް އެތައް ފަރާތެއްގެ އެހީތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން