ސަރުކާރުގެ އެތެރޭގައި އެކިއެކި މަޤާމުތަކުގައި ތިބެގެން ސަރުކާރަށް ފާޑުކިޔައި ހެދުމަކީ އަޚްލާޤީގޮތުން ވަރަށް ދަށުދަރައިގެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނާމެދު މީހުން ފާޑުކިޔުމަކީ ހިނގާނެކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ 58 އިންސައްތަކަމަށާ، އެހެންކަމުން އެމަނިކުފާނަށް ވޯޓުނުދޭ އެތައްބަޔަކުވެސް އެބަތިބިކަން ޤާބޫކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ އެމަނިކުފާނާމެދު ހިތްހަމަނުޖެހޭ އަދި އެމްޑީޕީގެ ސިޔާސަތުތަކަށް ތާޢީދުނުކުރާ މީހުންކަމަށާ، ވެރިކަމަށްވަޑައިގަތީ އެކަން ޤަބޫލުފުޅު ކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމީހުންގެ ނުރުހުމާއި ފާޑުކިޔުންތައްވެސް އަމާޒުވާނެކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި އަބަދުވެސް ހުންނެވީ ތައްޔާރަށްކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުގެތެރޭގައި ތިބެގެން ސަރުކާރުން ސިޔާސަތުތަކާއި އެހެނިހެން ކަންކަން ކުރާގޮތް ރަނގަޅަށް އެގިތިބެ ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް ފާޑުކިޔައި ހެދުމަކީ ދަށުދަރަޖައިގެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެފަދަ ޢަމަލުތައް ކުރުމަކީ އަޚްލާޤީގޮތުން ބަލާއިރު ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ސީދާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއަޅައި ދަތިކުރުމަށް މަސައްކަތް ނުކުރާނަމަ އެއްވެސް މީހަކު ސަރުކާރުން އެކަހެރިކުރެއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން