ރިޔާސީ އިންތިޚާބަށް ބޭނުންވާ ހުރިހާ އޮފިޝަލުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބަށް ބޭނުންވާ ހުރިހާ އޮފިޝަލުން ފައިނަލްކޮށް ހުރިހާ އޮފިޝަލުން ތަމްރީނުކޮށް ނިމިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުގެ އޮފިޝަލުންވެސް ފައިނަލްކޮށް ނިމިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، އަތޮޅުތަކުގައި އޮފިޝަލުން ތަމްރީނުކުރުން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 20 ވަނަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް ކަމަށެވެ. އަދި މާލޭގައިވެސް އޮފިޝަލުން ތަމްރީނުކޮށް ނިމިފައިވާކަމަށާއި، އޭގެއިތުރުން ރިޒާވް ޕޫލަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުމުގެ އެއް ޓްރެއިނިން މާލޭގައި ބާއްވާނެ ކަން ހަބީބް ފާހަގަ ކުރެއްވިއެވެ.

ޙަބީބު ވިދާޅުވީ އިންތިޚާބީ މަސައްކަތްތަކުގައި ރާއްޖޭން ބޭރުގައި ޙަރަކާތްތެރިވާ އޮފިޝަލުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އެޤައުމުތަކަށް ފުރާނެ ކަމަށެވެ. އަދި ރިސޯޓުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ފުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 8ގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓްލުން އޮންނާނީ މި ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ. އެގޮތުން 8 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ. އަދި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 282،395 މީހަކަށް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން