އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން، މާފުށީ ޖަލަށް ވަޑައިގެން ޖަލުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ބައްދަލުކުރެއްވިކަމަށް ދެކެވޭ ވާހަކަ ދޮގުނުކުރައްވައި އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރުއްވާނެކަމަށް ފާރިސް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައި ފާރިސް މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަކުރައްވާފައި ނުކުންނަވާކަމަށް ބުނާ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ. މިވީޑިއޯއާ ގުޅިގެން ރައީސް ޔާމީންގެ ތާޢީދު ފާރިސްއަށް ބަދަލުކުރެއްވިކަމަށްބުނެ ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ވާހަކަ ދައްކާފައެވެ.

އެހެންނަމަވެސް ފާރިސް މައުމޫނާއި ރައީސް ޔާމީނާ ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ބުނެ ޕީޕިއެމުންވަނީ މިހާރު ބަޔާނެއްވެސް ނެރެފައެވެ. އިދިކޮޅު ކޯލިޝަނުން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމިން ފާރިސްއާއި ބައްދަލު ކުރަށްވާފައިނުވާ ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަތައް ފަތުރާފައި ވަނީ އެކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ޔާމީންގެ ތާއީދު އޮތްކަމާއި، ރައްޔިތުން ޑރ. މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަން ހަޖަމު ނުވެގެން އެ ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށް ޕީޕިއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ހަބަރު ފެތުރުމުގެ އަޑީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ހިމެނޭކަމުގައި ބެލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ޕީޕިއެމުން ވަނީ ފިތުނައިގައި ދިވެހި ރައްޔިތުން ނުޖެހި ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ތިބުމަށް ގޮވާލާފައެވެ.

އެހެންނަމަވެސް ރޭ ޓްވީޓަރ މެދުވެރިކުރައްވައި ފާރިސް ކުރިއަށް ގެންދިޔަ އޯޑިއޯ ކޮންފަރެންސެއްގައި މީހަކު މިކަމާބެހޭގޮތުން ސުވާލުކުރުން ފާރިސް އެވާހަކަ ދޮގެއް ނުކުރެއްވިއެވެ. އަދި ވިދާޅުވީ އެކަމުގެ މަޢުލޫމާތު ހާމަކުރުމަށް މިވަގުތު ދަތިފުޅުކަމަށެވެ. އަދި ފަހުން އެކަމާބެހޭގޮތުން ބަޔާނެއް ނެރުއްވާނެކަމަށެވެ.

ފާރިސްއަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް ޔާމީނަކީ އެއްބަފާ ދެބޭފުޅުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މިދެބޭފުޅުންގެ ގުޅުން ގޯސްވެ ރައީސް މައުމޫން ޕީޕީއެމުން ވަކިކުރެއްވިއެވެ. ރައީސްމައުމޫނާއެކު ފާރިސްވެސް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅުނެވެ.

ފަހުން ރައީސް މައުމޫނާ ފާރިސްއާ ދެބޭފުޅުންވެސް ކުށުގެ ތުހުމަތުގައި އެސަރުކާރުން ޖަލުގައި ބަންދުކުރިއެވެ. ދެބަފައިކަލުންނަށްވެސް ކުރެވުނީ ރިޝްވަރުގެ ތުހުމަތެވެ. އެއީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން ސަރުކާރާ ދެކޮޅު ޙަރަކާތެއް ހިންގަން އުޅުއްވިކަމުގެ ތުހުމަތެވެ.

ދެބަފައިކަލުން ޖަލުން ސަލާމަތްވީ ރައީސް ޔާމީންގެ ސަރުކަރު ބަދަލުވުމުންނެވެ. އޭގެފަހުން މިސަރުކާރުގެ ކޯލިޝަންގައި އެބޭފުޅުން ހިމެނެއެވެ. ނަމަވެސް މިސަރުކާރުގެ އެއްވެސްކަމެއްގައި ފާރިސް މިހާތަނަށް އަމަލީގޮތުން އުޅުއްވިތަނެއް ނުފެނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ގެއްލިފައެވެ. އެމަނިކުފާނު ތާޢީދުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނުކުމެވަޑައިގެން ހުންނެވި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒަށެވެ. އެހެންނަމަވެސް މުއިއްޒާމެދު ހިތްހަމަނުޖެހޭ ބަޔަކު އެކޯލިޝަނުގައި އަދިވެސް އެބަތިބިކަމަށް އަޑުއިވެއެވެ.

މުއިއްޒު އިދިކޮޅުގެ ރިޔާސީ ޓިކެޓު ހޯއްދެވީ ނުފޫޒުގެ ބޭނުން ކުރައްވައިގެން ކަމަށާ، މުއިއްޒަށް ބާރުތައް ލިބުމުން ރައީސް ޔާމީން އެކަހެރިކުރައްވައި ސިޔާސީގޮތުން އިދިކޮޅު ޕާޓީގެ ކޮންޓްރޯލް ނަންގަވާފާނެކަމަށް ބުނާ އަޑުތައްވެސް ވަނީ ގަދަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން