ރާއްޖެއަށް އަންނަމުންދާ އެކިއެކި ބަދަލުތައް މިސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭކަމަށާ، އިސްލާމްދީނަށް ފުރައްސާކުރުން ހުއްޓުވުމުގެ ޕްލޭން އޮތީ މިހާރު ނިމިފައިކަމަށް ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި ހދ.މަކުނުދޫގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ދީނަށް ފުރައްސާރަކުރާ މީހުންނާއި ކުށްކުރާ މީހުން ވަކިވަކިން މިސަރުކާރަށް އެނގޭކަމަށެވެ. އެކަމުގެ ޙާލަތު ވަރަށް ރަނގަޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެނގިވަޑައިގަންނަވާކަމަށާ، މިފަދަ މައްސަލަތައް ޙައްލުކުރާނެގޮތާއި އެކަމުގެ ޕްލޭން މިހާރު އެކުލަވާލައި މުޅިން ނިމިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ އަދި ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ ރާއްޖެއަކީ އަމާން ސުލްހަވެރި ތަނަކަށް ހެދުންކަމަށާ، ރައީސް ޞާލިޙު ވަޑައިގަންނަވަނީ އަމާން ސުލްޙަވެރި ރާއްޖެއެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ޞާލިހުގެ ވެރިކަމުގެ ނިމިގެންމިދާ ފަސް އަހަރުގައި ވަނީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރުމާއި ކުށްކުރުމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއި އެކަންކަން ހުއްޓުވާނެގޮތުގެ ޕްލޭނެއް ހަދައި ނިމިފައިކަމަށާ، އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރިޔާސީ ދެވަނަ ދައުރެއް ފެށިގެންދާއިރު އުފާވެރި ބަދަލުތަކެއް އަންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާއި ގޭންގްތަކާ ގުޅޭ މީހުން ވަކިވަކިން ސަރުކާރަށް އެނގޭކަމަށެވެ. އެހެންކަމުން އެނގިތިބެގެން ކަންކަން ކުރާބަޔަކާއި ޙާލަތު އޮތްގޮތް ނޭނގޭބަޔަކާ ވަރަށް ތަފާތުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ކުށުގެ ވެއްޓަށް ވަދެފައިވާ ޒުވާނުން އެވެށިން ސަލާމަތްކޮށް އިސްލާޙުކުރެވޭނީ ރައީސް ޞާލިޙުގެ ސަރުކާރަކަށްކަމަށާ، އެފުރުސަތު ރައީސަށް ލިބިވަޑައިގަތުމަކީ ޤައުމަށް އެންމެ ފައިދާހުރިގޮތްކަމުގައި އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން