އަހުމަދު ޝާހް   4 ސެޕްޓެމްބަރު 2023 - 17:41
7 ފެބްރުވަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހުގީގުކޮށް އެކުލަވާލި "ކޯނީ" ރިޕޯޓު ގެއްލިފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭންގައި މިއަދު ހދ. ނޭކުރެންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، "ކޯނީ" ރިޕޯޓު ގެއްލިފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ކޯނީ ރިޕޯޓް އެކުލަވާލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއިންނެވެ.

ރައީސް މިއަދު ވިދާޅުވީ، ކޯނީ ރިޕޯޓަކީ ދައުލަތުގެ ސިއްރެއް ކަމަށާއި، ރިޕޯޓު ގެއްލުމުގައި އިހުމާލުވި މީހުން ހޯދުމަށް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގޭ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ ފުލުހުންނަށް ހުށަހަޅާފަ،" ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުވަރީ 2012 ގައި ނިމުނީ ބަޣާވާތަކުން ނޫންކަމަށް ކޯނީގެ ރިޕޯޓުގައި އޮތީ ކަނޑައަޅާފައެވެ. އަދި 25 އަހަރު ވަންދެން އެ ރިޕޯޓް ދަޢުލަތުގެ ސިއްރެއްގެ ގޮތުގައި ރައްކާކޮށްފައި ބޭއްވުމަށްވެސް ނިންމާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން