އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޤާސިމަށް ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޤާސިމަށް ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ދިވެހި ރައްޔިތުންގެތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ފައިސާ ހޭދަކުރަންޖެހޭ ކޮންމެ ބޮޑުކަމެއް ޖެހޭއިރު އެހެން ފަރާތެއްގެ އެހީއާ ނުލައި އެކަން ކުރެވޭނެ ގޮތެއް ނޯވެއެވެ. ސަބަބަކީ ފަރުދީގޮތެއްގައި ފަހަށް ފައިސާ ރައްކާކުރުމުގެ ނިޒާމެއް ނެތުމެވެ. ނުވަތަ ފަހަށް ރައްކާކުރެވޭވަރަށް ފައިސާ ނުލިބުމެވެ.

ދިވެހިންގެ ދިރިއުޅުން ބިނާވެފައިވާ ގޮތްތަކަށް ބަލާއިރު، ޢާއިލާ އެކުގައި ދިރިއުޅެގެން ޢާއިލާގެ ވަޒީފާއަދާކުރެވޭ ޢުމުރުގެ ގިނަބަޔަކު ވަޒީފާއަށް ދާ ޢާއިލާތައް ދިރިއުޅެނީ މާލެ ސަރަޙައްދުގައެވެ. ނިސްބަތުން ޢާއިލާއަށް ބޮޑު ޢާމްދަނީއެއް ލިބުނަސް ގޭގެކުއްޔާއި މާލޭގެ އަގުބޮޑު ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާލީމާ ފަހަށް ރަށްކުރާނެ އެއްޗެއް ނޯވެއެވެ. އުޅެންޖެހިފައި ވަނީ ދެކޮޅު ޖެހެމުން ނުޖެހެމުން ދާ ޙާލަތެއްގައެވެ. އަތޮޅުތަކަށް ބަލާއިރު ވަޒީފާގެ ފުރުސަތު ކުޑައެވެ. ޢާމްދަނީ ހޯދުމަށް ޢާއިލާގެ ކޮންމެވެސް އެކަކު ނުވަތަ ދެމީހަކުވަރު ރަށުން ބޭރުގައި، ޢާއިލާއާ ދުރުގައި ދުވަސްތައް ހޭދަކުރަން ޖެހެއެވެ. ލިބޭ ޢާމްދަނީ ޢާއިލާގެ ބޭނުންތަކަށް ބަހާލީމާ ފުދެނީ ކިރިޔާއެވެ. މިއީ ދިވެހިންގެ ތެރެއިން ގިނަބައެއްގެ ޙާލަތެވެ. މިޙާލަތު ބަދަލުކުރުމުގެ މަގެއް މިހާތަނަށް އައި އެއްވެސް ސަރުކާރަކުން ނުދައްކައެވެ. ކޮންމެ އިންތިޚާބެއްގެ ކެމްޕެއިން ދުވަސްވަރު "އުޑުން ތަރިވެސް ބާލަދެއެވެ." އެހެންނަމަވެސް އެއީ ހުސް ޚިޔާލީ ފޮލާކަން ނުދަންނަ ދިވެއްސަކު މިހާރަކު ނުހުންނާނެއެވެ.

ރޭވިގެން ހިނގަމުން އަންނަ އިންސާފުވެރި ޢަދުލުވެރި ވެލްފެއަރ ނިޒާމެއްވެސް ދައުލަތުގައި އަމުދުން ނެތެވެ. އެކިއެކި ކަންކަމުގައި އެހީއަށް އެދޭ ނިކަމެތިންނަށް ސާފު މަގެއް ފެންނާކަށް ނެތެވެ. ކޮރަޕްޝަނާއި ބޭއިންސާފު އޮތީ މިދާއިރާގައިވެސް ހައްދު ފަހަނައަޅާފައެވެ. ދާއިމީ ބޮޑު ބައްޔަކަށް ބޭސްނުކުރެވިގެން ދައުލަތުގެ އިދާރާތަކުގައި އެކަކު ސަލާންޖަހާތާ އެތައްދުވަހެއްވެ އުންމީދު ގެއްލިފައި ހުއްޓާ އެއަށްވުރެ ޙާލަތު ރަނގަޅު ތަނަވަސް މީހާއަށް ދައުލަތުގެ ޚަރަދުގައި ބޭނުންކަމެއް ކުރެވޭމަންޒަރު މިއަދުވެސް ފެނެއެވެ.

ރައްޔިތުންގެ މިޙާލަތު ބަދަލުވާންޖެހޭކަމުގެ ވާހަކަ ދައްކަވައި އެކަން ޢަމަލުން ދައްކަވަމުން އަންނަ ހަމައެކަނި ބޭފުޅަކީ، މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމޭ ދެންނެވުމުން އިންސާފުވެރި ވިސްނުމަކުން އެކަން ދޮގުކުރާނޭ ދިވެއްސަކު ނުހުންނާނެއެވެ. ދިވެހިންގެ މިޙާލަތު ބަދަލުކުރުމަށް ޤާސިމް ވަކާލާތު ކުރައްވަން ފެއްޓެވީ އިއްޔެއަކު އިހަށްދުވަހަކު ނޫނެވެ. 1980ގެ އަހަރުތަކުންފެށިގެން މިކަމަށް ޤާސިމް އައީ ވަކާލާތުކުރައްވައި ސިޔާސީ އިސްލާޙީ މަސައްކަތްކުރައްވަމުންނެވެ. ހަމައެކަނި އެކަމަށް ވާކާލާތު ކުރައްވާފައި ޤާސިމް ދޫކޮށްލެއްވީއެއް ނޫނެވެ.

އެކިއެކި ކަންކަމުގައި އެހީއެއް ބޭނުންވުމުން ދިވެހިންގެ ހިތްމައްޗަށް އެންމެ ފުރަތަމަ އަންނަ ނަމަކީ ޤާސިމް އިބްރާހީމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޔަޤީންކަމާއެކު އެހީތެރިވެދެއްވާނެ ބޭފުޅަކީ ޤާސިމްކަން ޔަޤީވަނީއެވެ. ޤާސިމް ނޫނަސް ރާއްޖޭގައި މަޝްހޫރު ވިޔަފާރިވެރިން އެބަތިއްބެވެ. ތަނަވަސްކަމުގެ އަހުލުވެރިން އެބަތިއްބެވެ. އެހެންނަމަވެސް ޤާސިމްހާ ދީލަތި ބޭފުޅެއް ނެތޭ ގިނަ ބަޔަކު ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ގާސިމުގެ އަރިހަށް ރައްޔިތަކު އެފަދަ އެހީއަކަށް ހުސްއަތާ އަންނާން ނުޖެހޭނެ ވާހަކައަކީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުން ބުނާ ވާހަކައެވެ.

ޤާސިމް އިބްރާހީމަކީ، އަރިއަތޮޅު މާމިގިލީގެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޢުމުރުފުޅުން 39 ދުވަހުގައި ޤާސިމްގެ މަންމާފުޅު މިދުނިޔެ ދޫކުރައްވައިފިއެވެ. ޤާސިމްގެ ބައްޕާފުޅަކީ ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅެއްކަމުން، ވަރަށް ޅަޢުމުރުގައިވެސް މީހުންނަށް ނޯކިރީ ކޮށްދެއްވައިގެން ދިރިއުޅުއްވުމަށް އާމްދަނީ ހޯއްދަވަން ޤާސިމަށް މަޖުބޫރުވެވަޑައިގަތެވެ. ޤާސިމް މާލެ ވަޑައިގަތީ ތަޢުލީމު ހާސިލު ކުރެއްވުމުގެ ފުރުޞަތު ކޮންމެވެސް މިންވަރަކަށް ލިބިވަޑައިގަތުން އެދިވަޑައިގެންނެވެ. ގޭގޭގައި ނޯކިރީގައި އުޅުއްވަމުން، އެދުވަސްވަރު އޮތް ތަޢުލީމީ ނިޒާމުގެ ތެރެއިން ސަނަދަށް ކިޔަވާ ވިދާޅުވަމުން ވަޑައިގެން، ސަރުކާރުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވިއެވެ. އޭގެފަހުން އަމިއްލަ މީހުންގެ ވަޒީފާތަކުގައިވެސް އުޅުއްވިއެވެ.

ސަރުކާރަށް ފުރަތަމަ ވެދެވަޑައިގެން ލިބިވަޑައިގެންނެވި މުސާރަފުޅުންވެސް ނިކަމެތިންނަށާއި، ދިރިއުޅުމުގެ އެކި މުހުތާދުތައް ފުއްދުމަށް އެދޭ ފަރާތްތަކަށް މުސާރައިގެ މިންވަރެއް ހޭދަކުރެއްވުމަކީ، ޤާސިމްގެ އާދައެކެވެ. މިއީ މިއަދު އަޅުގަނޑު މިތަނުގައި ޤާސިމަށް ސަނާ ކިޔުމުގެގޮތުން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްހޫރިއްޔާ 2013ވަނަ އަހަރު ޤާސިމް އިބްރާހީމަށް ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތް ދެއްވުމަށްފަހު ޤާސިމާބެހޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

އެހެންކަމުން ޤާސިމް، ޢާންމުރައްޔިތުންނަށް އެހީތެރިވަނީ އެމަނިކުފާނުގެ އަތްޕުޅުގައި މާގިނަޢަދަދެއްގެ ފައިސާ ހުރެގެން ހަދާނެގޮތެއް އެނގިވަޑައި ނުގަންނަވައިގެނެއް ނޫނެވެ. އެއީ ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އޮތް އިޚްލާތެރިކަމެކެވެ. ރައްޔިތުންނަށް އޮތް ލޯތްބެކެވެ. ނިކަމެތިންނާމެދު އެމަނިކުފާނުގެ ހިތްޕުޅުގެ ބޮޑުކަމެވެ.

ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި -/15000 ރުފިޔާގެ ލޯނަކުންނެވެ. ޤާސިމަކީ، މަސައްކަތުގައި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ. އަމިއްލަފުޅު މިންނެތް މަސައްކަތުން ކުރިއައިދިޔަ ލާމަސީލު މިސާލެކެވެ. ރެއާއި ދުވާލު ހިތްމަތާއެކު ކުރެއްވި ބުރަ މަސައްކަތުން އެމަނިކުފާނުވަނީ ކުރުމުއްދަތެއްގެތެރޭގައި ރާއްޖޭގެ އެންމެވަރުގަދަ ވިޔަފާރިވެރިންނާ އެއްސަފަކަށް އަރާފައެވެ. 1988ވަނަ އަހަރު ސަރުކާރުންވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން ޤާސިމަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި މުއްސަނދިކަމާއެކު ކުރިން ޢާންމުންނަށް ވެދެއްވި އެހީތެރިކަންވެސް ދިޔައީ ފުޅާވެ އިތުރުވެގެންނެވެ. އެމަނިކުފާނުގެ ހިތް ތިރިކަމާއި އޯގާތެރިކަންވެސް ދިޔައީ އިތުރުވެގެންނެވެ. ދައުލަތުގެ ލިޔެކިއުންތަކާއި ތަފާސްހިސާބުތަކުން މިހަޤީޤަތް އެއޮތީ ސާފުކޮށް ފެންނާށެވެ.

ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީތަކުގެ އަގުވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ. އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީވެސް ޤާސިމް އިބްރާހީމެވެ.

ޤާސިމްގެ އިންސާނީ ޚިދުމަތުގެ ދާއިރާއަކީ އެހެން އެއްވެސް ދިވެއްސަކަށް އެމަނިކުފާނާ ވާދަކޮށްނުލެވޭނެ ދާއިރާއެކެވެ. ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވައި އެމަސައްކަތް ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ. ޤާސިމު ކުރެއްވި މި މަސައްކަތުގެ ބައިކުޅަބައިގެ މިންވަރުވެސް އަމިއްލަޙައިސިއްޔަތުން ކުރެއްވި ދިވެހި ފަރުދަކު ނެތެވެ.

ޤާސިމް އެކިރޮނގުރޮނގުން ނިކަމެތިންނަށް އެހީތެރިވެދެއްވަން ފެއްޓެވީއްސުރެ ކޮންމެ ދުވަހަކު އެތައްސަތޭކަ ސިޓީއެއް އެހީއަށްއެދި ޤާސިމްގެ އޮފީހަށް އާދެއެވެ. އޭމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅަކު ވިދާޅުވިއެވެ. ކޮންމެދުވަހަކު ޤާސިމް އަމިއްލައަށް އެހުރިހާ ސިޓީއެއް ވިދާޅުވެ އެއަށް ޖަވާބުދެއްވައި ސިޓީތަކުގައި ވަކިވަކިން ސޮއިކުރައްވައެވެ. ކޮންމެ ސިޓީއުރަޔަކަށް އެމީހަކު އެދުނު މިންމަވަރަކަށް ނުވަތަ އެ އެދުނު ކަމަކަށް އެކަށީގެންވާ މިންވަރަކަށް ފައިސާ ލައްވައި ބަންދުކުރައްވައި ނިންމަވައެވެ. އެފަދަ ބޭފުޅަކު ތިމަންނާގެ މުޅި ޙަޔާތުގައިވެސް ނުދެކެމެވެ.

ޤާސިމްގެ އެހީގެ ކަންކަން އިތުރު ހަރުފަތަކަށް ގެންދެވުމަށް ނިންމަވައި ވިލާ ފައުންޑޭޝަން އުފެއްދެވިއެވެ. އެއީ މުޅި ވިލާ ގުރޫޕުގެ ފަރާތުން ހިންގާ ޗެރިޓީ އޯގަނައިޒޭޝަނެވެ. ވިލާ ފައުންޑޭޝަން ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 19 ފެބުރުއަރީ 2003 ގައެވެ. މިއީ ވިލާގެ ފަރާތުން ވިލާ ގުރޫޕުގެ ޗެއަރޕާސަން ޤާސިމް އިބްފރާހީމް އާންމު ފަރުދުންނަށް ދެއްވާ އެހީތައް، ދެއްވުމާއި، އަދި ތަފާތު ސްކޮލަރޝިޕްތަކަށް ކުދިން ހޮވައި ބޭރު ގައުމުތަކަށާއި، ރާއްޖޭގައި ތިބެގެން އެކި ފެންވަރުގެ ތައުލީމު ޙާޞިލްކުރުމަށް މަގުފަހިކޮށް އެހީތެރިވެދޭ އޯގަނައިޒޭޝަނެކެވެ. މި ފައުންޑޭޝަނާއެކު ޒަމާނީ ނިޒާމެއްގެތެރެއިން ޤާސިމްގެ ދީލަތި އެހީ އެތައްހާސް ދިވެހިރައްޔިތުންނަކަށް ލިބުނެވެ. ޤާސިމްގެ ހިލޭ އެހީގައި މަތީ ތަޢުލީމު ޙާސިލްކޮށްގެން އައިސް ދައުލަތުގެ އެކިއެކި މަޤާމުތަކުގައި ޤައުމު ބިނާކުރުމަށް އެތައްބަޔަކު މިއަދުވެސް އެދަނީ މަސައްކަތްކުރަމުންނެވެ. މިއަހަރާހަމައަށް ޤާސިމް މަތީތަޢުލީމާޕަށް ދެއްވާފައިވާ ހުރިހާ ލޯނެއްވެސް ވަނީ މަޢާފްކޮށްދެއްވާފައެވެ.

އެހީގެ އިތުރުން ފަހަކަށްއައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. 2001 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އޭރުގެ ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ޤާސިމެވެ. އަދި ރާއްޖޭގައި މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީ އެކުލަވައިލައްވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިންނަވައިގެންނެވެ.

ދިވެހި ޤައުމަށާއި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ޤާސިމަކީ ވާޖިބު އަދާކުރެއްވުމުގައި ނަމޫނާއެކެވެ. ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، ދައުލަތުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ފަދަ މަޤާމުތައް ފުރުއްވިއިރު، އަަބަދުވެސް ޤައުމުގެ މަޞްލަޙަތު އިސްކުރައްވައި، ރައްޔިތުންނަށް ނަމޫނާ ދައްކަވާ ބޭފުޅެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ވަނީ އަޅުގަނޑުމެންނަށް ފެނިފައެވެ.

މިމަސައްކަތްޕުޅުތަކުގައި އެތައް އަނިޔާއެއް ނުހައްޤުން ޤާސިމަށް ލިބުނެވެ. އެތައްފަހަރަކު ޖަލުގައި ބަންދުކުރިއެވެ. ބަލިޙާލަތު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި ޣައިރު ޙާޒިރުގައި ޖަލަށް ޙުކުމްކުރިއެވެ. އަނބިދަރިންނާއި މުދަލައް އެތައް ގެއްލުމެއް ދިނެވެ. ވިޔަފާރިއަށް މިލިޔަނުން ގެއްލުންދީ އެކައުންޓުތައް ހިފެހެއްޓިއެވެ.

މިހުރިހާ އަނިޔާޔަކަށްފަހުވެސް އެއްކަލަ ހިތްތިރި އޯގަތެރި އާދަޔާ ޚިލާފު ޤާސިމް އިބްރާހީމް ވިދާޅުވީ ކީކީޕޭކަމަށްތޯއެވެ؟ ތިމަންނާއަށް އަނިޔާދިން އެންމެންނަށް މަޢާފެވެ. އެއްވެސް ހިތްބުރަކެއް ނެތެވެ. މިފަދަ ބައެއް މީހުން ޤާސިމްގެ އަރިހަށް ވަޑައިގަތުމުން އޯގާތެރިކޮށް ހިއްތަވައި އެމީހުންނަށް ވަޒީފާވެސް ދެއްވިއެވެ. މިފަދަ ބޭފުޅަކު މިރާއްޖެއިން ދުވަހަކުވެސް ދެކެވަޑައިގަތީމުތޯއެވެ؟

ޤާސިމަކީ ދިވެހި ރައްޔިތުންގެ ހަޤީޤީ ވެލްފެއަރ ނިޒާމެވެ. ދިވެހި ދަރީންގެ މަތީ ތަޢުލީމުގެ ބަޕައެވެ. ދިވެހި އެންމެހާ ރައްޔިތުންގެ ވެސް އޯގާތެރި ދީލަތި ބަލަދުވެރިއެކެވެ. ރައްޔިތުންގެ އުސާސްތައް އެނގިވަޑައިގަންނަވާ ވެރިއެކެވެ. އެންމެ އާދައިގެ ރައްޔިތުމީހާގެ ވެސް އެކުވެރިއެކެވެ. ހިތްތިރި ޚުލްގު ހެއު ދީލަތި ދިވެހި ދަރިއެކެވެ. އެއީ ދިވެހިޤައުމަށް ޒަމާނީ ޑިމޮކްރަސީއާއި އިސްލާޙު ގެނައުމުގެ އެއް މޭސްތިރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން