އަހުމަދު ޝާހް   5 ސެޕްޓެމްބަރު 2023 - 19:14
މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ރާއްޖެއިން ޖަޕާން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބަސަޑަރުގެ މަޤާމުގައި ހުންނެވި އަމީތު އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ ރައީސް ޞާލިޙް ރ އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

އަމީތު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އަމީތު އިންތިހާބުވީ ޕީޕީއެމް މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް، ސިޔާސީ ޕާޓީ ބަދަލު ކުރެއްވުމުން އޭނާގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށެވެ.

އޭގެފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވެސް އަމީތު ކުރިމަތިލެއްވިއެވެ. ނަމަވެސް އެގޮނޑި ކާމިޔާބު ކުރެއްވީ މިހާރުގެ މެންބަރު އާދަމް ޝަރީފް އުމަރުއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން