އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ރ.މާކުރަތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުން ނޫންގޮތެއް ރައްޔިތުންނަށް ނެތް ކަމަށެވެ. އަދި ޕީއެންސީއަށް ވޯޓު ދީފިނަމަ އިއާދަވާނީ ކުރީގެ އަނިޔާވެރިކަން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ވޯޓަކީ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި ކޮންމެ ރައްޔިތަކު ވެސް އަދާކުރަން ޖެހޭ ވާޖިބެއް ކަމަށާއި، އެހެންކަމުން ވޯޓުލުމުގެ ކުރިން ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިއްޔާ، އަނެއްކާވެސް އެނބުރި ދެވޭނީ އެ ބިރުވެރި ނާމާންކަމަށް. އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން." ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2018 ގައި ރައްޔިތުން ނިކުމެ ވޯޓުން ބަލިކުރި ފަސް އަހަރަކީ ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ ނާމާން އަދި އުނދަގޫ ދުވަސްތައް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް ވިދާޅުވަމުން ގެންދަވަނީ ވޯޓު ލުމުގައި ބަލަންޖެހެނީ ތިމާއަށާއި، ރަށަށާއި، ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. އަދި އެކަމަށް އޮތް އެންމެ މޮޅު ގޮތަކީ އެމްޑީޕީގެ ފަލްސަފާކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މާކުރަތައް ކުރިމަތިވެފައިވާ ކަންތައްތަކަށް އަލި އަޅުވާ ލައްވަމުން ރައީސް މިއަދު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި އެރަށަށް ބިން އިތުރުކޮށް ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނެ ކަމަށާއި، ރަށުގެ މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މާކުރަތު ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް އިތުރުކޮށް، ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރާނެ ކަމަށާއި، އެރަށުގައި ދޯނި އެހެލާ ސަރަހައްދެއް ތަރައްގީ ކޮށްދޭނެ ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން