ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. ރަސްގެތީމުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު އެ ރަށަށް ކުރެއްވި ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްގެތީމަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށު ބަނދަރާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައި އެރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ރަސްގެތީމު ޖެޓީ އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ރަސްގެތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކުރުމާއި ބޮޑު ހިލަ ބޭނުންކޮށްގެން 359 މީޓަރުގެ ތޮށި ޖެހުމާއި، 140 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 272 މީޓަރުގެ އެއްގަމުން ތޮށި ލުމާ އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

ރަސްގެތީމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ތްރީ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާ ހަވާލުކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ރަސްގެތީމު ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން