އަހުމަދު ޝާހް   6 ސެޕްޓެމްބަރު 2023 - 17:2
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއީލް ހަމީދް (ހައި ރައިޒް އިއްސެ) އެމްޑީޕީއަށް ސޮައިކުރަށްވައިފި އެވެ.

ރައީސް ޞާލިޙްގެ ކެމްޕޭނާ ގުޅިވަޑައިގަތުމަށްފަހު އިއްސެ ވިދާޅުވީ، އެމްޑީޕީއާ ގުޅުނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯއްދަވައިދިނުމުގައި ބައިވެރިވެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާ އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ 5 އަހަރު ރާއްޖޭގައި ޤާއިމުވެފައިއޮތް ހަމަޖެހުން ކަމަށް އިއްސެ ވިދާޅުވިއެވެ.

ހައި ރައިޒް އިއްސެ މިއަދު އެމްޑީޕީއާ ގުޅުމަށްފަހު އޭނާގެ މެމްބަރޝިޕް ފޯމު ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަތްޕުޅަށެވެ.

އިއްސެއަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ އެމްއެންޕީގެ ލީޑަރ ކާނަލް މުޙައްމަދު ނާޒިމްގެ ޢާއިލީ ބޭފުޅެކެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޕާޓީތަކުން ދަނީ މެންބަރުން އިތުރުކޮށް އެ ޕާޓީތަކުގެ ތާޢީދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީންވެސް ދަނީ އެޕާޓީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން