ޓްވިޓާގައި "ހަސަން ކުރުސީ" ގެ ނަމުގައި އޮޕަރޭޓް ކުރަމުން އައި އެކައުންޓް ސަސްޕެންޑްކުރިތާ މަދުގަޑިކޮޅެއްގެ ތެރޭގައި އެނބުރި މައިދާނަށް ނިކުމެ އޭނާގެ ރަސްމީ މަސައްކަތް ފަށައިފިއެވެ.

ގިނަ ބަޔަކު ފޮލޯ ކުރަމުން ގެންދާ "ހަސަން ކުރުސީ" އެކައުންޓަކީ މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ތުހުމަތެއް ކުރާ ޓުވީޓާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މި އެކައުންޓްގައި ސިޔާސީ މަސްރަޙުގައި ހިނގާ ނޭއްގާނީ ގިނަ ކަންތައްތަކުގެ ހަގީގަތް ހާމަ ކުރަމުން ދާކަމަށް ޤަބޫލުކުރާ ބަޔަކުވެސް އުޅެއެވެ.

އެގޮތުން މި އެކައުންޓުން ސަރުކާރާއި، ސިޔާސީ އިސްފަރާތްތަކުގެ ފަތިފުށް އެކި ގޮތްގޮތަށް ހާމަކުރަމުން ގެންދާތީ މި އެކައުންޓް ބަންދު ކުރުމަށް ބައެއް ފަރާތްތަކުން އައީ ގޮވާލަމުންނެވެ. އެގޮތުން މިއަދު ހެނދުނު އެކައުންޓް ސަސްޕެންޑް ކޮށްފައިވީނަމަވެސް، އެ އެކައުންޓުން މީގެ ބައި ގަޑިއިއެއްހާއިރު ކުރިން ވަނީ "ގުޑް އާފްޓާނޫން" ޓްވީޓެއް ކޮށްފައެވެ. އޭގެ ފަހުން "ހަސަން ކުރުސީ"ގެ ރަސްމީ މަސައްކަތްތައް ވަނީ ފަށައިފައެވެ.

"ހަސަން ކުރުސީ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ޓުވީޓާ އެކައުންޓެއް ކަމަށް ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ.

އެގޮތުން "ހަސަން ކުރުސީ" އެކައުންޓްގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ހޯދުމަށް ރައީސް ނަޝީދު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެން މައްސައެއްވެސް ހުށައަޅާފައެވެ. މިކަމާގުޅިގެން މިމައްސަލަ ތަހުގީކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ އެދުމަކަށް ކޯޓުއަމުރެއްވެސް ނެރެދީފައި ވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ "ކުރުސީ" އެކައުންޓް ހިންގަނީ ކާކުތޯ ބަލަމުން ދަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ އިދާރާއަށް ހުށައަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް މިހާތަނަށް އެ އެކައުންޓުގެ ފަހަތުގައިވާ ބަޔަކު ހޯދިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން