ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށްޓަކައި މި ދެދުވަހު ނުނިދާވެސް ތިބެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި އައްޑޫސިޓީ ހުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދެދުވަހު ނިދުމެއްނެތި މަސައްކަތް ކުރަންވީ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ކަމަށެވެ. އޭގެ އިތުރުން ދެން ގެއަށް ވަންނަން ވާނީ އިންތިޚާބު ކާމިޔާބު ކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ ކެމްޕޭން ޓީމްތަކުގެ މަސައްކަތް 1 ގިޔަރު މައްޗަށް ޖައްސާލުމަށްވެސް އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ވޯޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކަށް ހޯދެން އޮތް ވޯޓެއް ހޯދުމަށް މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ،" ރައީސް މިއަދު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުން އެމްޑީޕީއަށް ލިބެމުންދާ ތަރުޙީބަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ ޙަޤީޤަތުގައި އިންތިޚާބު މިހާރު އޮތީ ނިމިފައި ކަމަށެވެ. އެގޮތުން ރައްޔިތުން އެމްޑީޕީގެ ވެރިކަމަށް ދެވަނަ ދައުރެއް ދޭނެކަމާމެދު ޝައްކު ނުކުރަށްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް 130،000 ވޯޓު ލިބޭނެކަމަށް އެޕާޓީގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސް ޞާލިޙަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ މިއީ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެއްގެ ނަތީޖާ އެއްބުރުން ކަނޑައެޅޭ ފުރަތަމަ އިންތިޚާބަށް ވާނެއެވެ.

ހަމައެއާއެކު ރައީސް ޞާލިޙް ވެވަޑައިގަންނަވާނީ ފެހި ޤާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިޚާބެއްގެ ދެދައުރު ޖެހިޖެހިގެން ކާމިޔާބު ކުރަށްވާ ފުރަތަމަ ރައީސްއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން