އަންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެކަމަށާ، އެކަމަށްޓަކައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް ނިންމައި އެކަމުގައި ސިއްކަ ޖަހައި ސީލްކުރައްވާނީ އައްޑޫ ސިޓީންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އާދަޔާ ޚިލާފު ގިނަ ޢަދަދެއްގެ ބަޔަކާއެކު އައްޑޫސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއިންތިޚާބުގެ ކެމްޕެއިންގައި ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމަައަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުނުއިރު މިއިންތިޚާބު މާބޮޑަށްވެސް އެއްބުރުން ކާމިޔާބުކުރެވޭ މަންޒަރު ފެނިވަޑައިގެންފިކަމަށެވެ.

މިފަހަރުގެ އައްޑޫ ދަތުރުފުޅުގައި އައްޑޫ ސިޓީން އެމަނިކުފާނަށް ދެންނެވި މަރުހަބާއިން އެކަނިވެސް އެކަން ޔަޤީންކުރެއްވޭކަމަށް ރައީސް ވިދާޅުވިއެވެ. މިދަތުރުފުޅުގައި ރައީސް ޞާލިޙު އައްޑުއަށް ވަޑައިގަތުމުން އެތައްސަތޭކަ ބަޔަކު ވަނީ އެއަރޕޯޓުން ފެށިގެން ސަފުދަމާލާފައެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދަމާލި މި ސަފު އެތައް ހިސާބަހަށް ދެމިގެންގޮސްފައި އޮތެވެ.

ޓީވީތަކާއި އެނޫންވެސް ވީޑިއޯތަކުން މިމަންޒަފު ބެލި އެތައްބަޔަކުވެސް އެކަންފާހަގަކުރިއެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ސިޔާސީ ބޭފުޅަކަށް މަރުޙަބާދެންނެވުމަށް އެއްފަހަރާ މިގޮތަށް އެއްވި އެންމެ ގިނަޢަދަދެއްގެ މީހުންނެވެ.

މި ހޫނު މަރުޙަބާއަށްފަހު މިރޭ އައްޑޫސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙު ވަނީ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ. ރައީސް ވަނީ މިދައުރުގެ ތެރޭގައި އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއި ފަށްޓަވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވާފައެވެ. އަދި އެކަންކަން ފުރިހަމަ ކުރުމަށް އަންނަ ރިޔާސީ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އަންނަ ދައުރުގައި އައްޑޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން އައްޑޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމާއި ގެދޮރު އިމާރާތްކުރަން ފަސޭހައިން ލުއިގޮތަކަށް ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވުމާއި، 1000 ފްލެޓް ޢިމާރާތްކުރެއްވުމާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އިތުރުން މަގު ހެދުމުގެ މަސައްކަތް ނިންމެވުމާއި އައްޑޫގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކުރެއްވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން