ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ސިޔާސަތަކީ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓުންގެ ކެމްޕޭން ނިންމާލުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ އެޕާޓީގެ އަމާޒަކީ ޢާއްމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން ކަމަށެވެ. އިލްޔާސް ވިދާޅުވީ ފަރުދުންނަށް ވިޔަފާރީގެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ޑިމޮކްރެޓުންގެ އަމާޒް ކަމަށެވެ.

އިލްޔާސް ވިދާޅުވީ ޢާއްމު ފަރުދުންނަށް މިހާރު އެންމެ ބޮޑު ޢާމްދަނީއެއް ލިބޭ އެއް ދާއިރާއަކީ ގެސްޓް ހައުސް ވިޔަފާރި ކަމަށެވެ. ނަމަވެސް މިހާރު އެކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތެރޭގެ ދަތުރުތަކުގެ އަގު ބޮޑުވުން ކަމަށާއި ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެކަމަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ކޮންކްރީޓް ނޫން ކަމަށާއި ފެންވަރު ރަނގަޅު ޚިދުމަތް ކަމަށެވެ. ރައްޔިތުންނަށް ހިތްހަމަޖެހުން ލިބި އުފާވެރި ދިރިއުޅުމެއް ލިބޭނީ ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށާއި މިނިމަމް ވޭޖްވެސް ރަނގަޅު އުސޫލަކަށް ފައްތަންޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ވެރިކަމެއްގަ އިސްކަން ދޭނީ ބޮޑު ހިލައަށްވުރެ ސިއްހަތާ ތައުލީމާ އާމްދަނީއަށް،” އިލްޔާސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޑިމޮކްރެޓްސްގެ ރަނިންމޭޓް ޙުސައިން އަމްރު ވިދާޅުވީ 2018ގައި ރައްޔިތުން މި ސަރުކާރަށް ވޯޓުދިނީ އިންސާފު ހޯދުމުގެ އުއްމީދުގައި ކަމަށެވެ. ހަމައެއާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލާނެ ކަމަށް ރައްޔިތުން އުންމީދު ކުރިކަމަށާއި ނަމަވެސް އެކަމަށް މިސަރުކާރަށް އެޅުނު ފިޔަވަޅެއް ނެތް ކަމަށެވެ. އެހެންކަމުން ސަރުކާރު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ސަބަބެއް ނެތްކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކެމްޕޭނުގައި ކުރެއްވި ދަތުރުތަކުގައި ފެނިގެން ދިޔައީ ވަރަށް ބޮޑަށް ބިކަވެ ނިކަމެތިވެ މޮޅިވެފައިތިބި ރައްޔިތުންތަކެއް ކަމަށެވެ. އެހެންކަމުން އެ ޙާލަތު ބަދަލުކުރުމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓް އިލްޔާސަށް ވޯޓު ދެއްވުމަށް އަމްރު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން