ގއ. ކަނޑުހުޅުދޫގައި ޢުމުރުން 2 އަހަރުގެ މުނިކާފަ ދަރިފުޅާ ބެހުނު މުނިކާފަ މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ބުނީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (85 އަހަރު) މިއަދު މަރުވެފައިވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ ޙަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަކަމަށެވެ. އަދި ޑޮކްޓަރ ބެލުމަށްފަހު 9:55 ހާއިރު އޭނާ ހިތްހުއްޓިގެން މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.



2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ކުރީކޮޅު ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވީ އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ. އެ މައްސަލައިގެ ތުހުމަތު ދަޢުވާކުރީ އެ ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކުރީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން އެ ދެމީހުންނަށް އިއްވި ޙުކުމުގައި ވަނީ 17 ޖަނަވަރީ 2020 ވަނަ ދުވަހުގެ ކުރިން ތަފާތު އެކި ދުވަސްމަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ހަސަން މޫސާ ދީދީގެ މުނިކާފަ ދަރީގެ ކުރިމަތިފަރާތުގައި އަތްލާފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން އެ ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެހެންނަމަވެސް އެ މީހުން ބަންދުގައި ހޭދަ ކުރި މުއްދަތު އުނިކުރުމުން، ޙުކުމުން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަ މަހާއި 10 ދުވަހެވެ.

މި މައްސަލައިގެ އަޑުއެހުން ސިއްރުކޮށް ކުރިއަށް ގެންގޮސްފައިވާ އިރު އެ މީހުންނަށް ކަނޑާއަލާފައިވާ އަދަބަކީ މިފަދަ މައްސަލަތަކުގައި ދެވޭ އެންމެ ބޮޑު އަދަބެވެ. އެ ދެ މީހުންގެ މައްޗަށް ދަޢުވާ ސާބިތުވެ ޙުކުމް ކޮށްފައިވާއިރު، ކުޑަކުއްޖާގެ މައިންބަފައިންނަށް ވަނީ އިހުމާލުގެ ދައުވާކޮށްފަ އެވެ.

ކުއްޖާގެ މައިންބަފައިންގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން