އަހުމަދު ޝާހް   10 ސެޕްޓެމްބަރު 2023 - 16:47
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅީ 51 ޝަކުވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން ބުނީ އިންތިޚާބީ ކޮމްޕްލެއިންޓްސް ބިޔުރޯތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ވޯޓުގެ ސިއްރުކަމާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން އެފަދަ 14 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އީސީން ހާމަކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ހައްލު ކުރެވެން ހުރި ކަންތައްތައް ހައްލުކޮށް، އިތުރަށް ތަހުގީގުކުރަން ޖެހޭ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލަ ހުށައަޅާފައިވާއިރު ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅީ 26 މައްސަލައެވެ. އެގޮތުން ކެމްޕޭނު ކުރުމާ ގުޅޭ ތިން މައްސަލަ ހުށައަޅާފައިވާއިރު އޮބްޒާވަރުންނާ ގުޅޭ މައްސަލައެއް ވަނީ ހުށައަޅާފައެވެ.

އޭގެ އިތުރުން ވޯޓު ލުމުގެ ހައްގާ ގުޅޭ 10 މައްސަލަ އާއި ރެޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލަ އާއި އޮފިޝަލުންނާ ގުޅޭ 11 މައްސަލަ އާއި ރިޝްވަތު ދިނުމާ ގުޅޭ ދެ މައްސަލަ އާއި އެހެނިހެން ދެ މައްސަލަ ހުށައަޅާފައިވެއެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު ދެވަނަބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން