އެކިއެކި ކަންކަމާ ގުޅިގެން ރާއްޖެއާއި އިންޑިއާއާއެކު މިހާރު ވެފައިވާ އެއްބަސްވުންތަކާމެދު ގޮތް ނިންމާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންކަމަށާ، އެ އެއްބަސްވުންތަކާމެދު މިސަރުކާރުން ގެނައި ބަދަލުތަކާއެކު ރާއްޖެއަށް ފައިދާވާގޮތަށް ބައެއް ލުއިތައް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު އިތުރުކުރައްވަން ކުރައްވާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ފަރާތްތަކުން އެންމެބޮޑަށް ސަރުކާރާ ދެކޮޅަށް ކުރި އެއް ތުހުމަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާގޮތަށް އަވަށްޓެރި އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބިކަމަށްބުނެ ދައްކާ ވާހަކައާއި އިންޑިއާއާއި ރާއްޖެއާ ދެމެދު ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާކަމުގެ ވާހަކައެވެ. މިވާހަކަތަކުގެ ސަބަބުން ރައީސް ޞާލިޙުގެ ކެމްޕެއިނަށް ނުބައި އަސަރުތަކެއް ކޮށް ލިބުނު ވޯޓު މަދުވެފައިވާކަމަށް އެމްޑީޕީން ދެކެއެވެ. އެހެންކަމުން އެކަމުގެ ހަޤީޤަތް ދެވަނަބުރުގެ ކެމްޕެއިންގައި ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއާއެކު ހަދާފައިވާކަމަށް ބުނާ ސިއްރު އެއްބަސްވުންތަކުގެ ވާހަކައަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ މިކަމާގުޅިގެން މީގެކުރިންވެސް އެމަނިކުފާނުވާނީ އެތައް ފަހަރަކު ޖަވާބުދެއްވާފައިކަމަށެވެ. އަދި ސަރުކާރުންވެސް ވާނީ އެކަމުގެ މަޢުލޫމާތު ދެއްވާފައިކަމަށް ރައީސް ވިދާޅުވިއެވެ.

ހަޤީޤަތަކީ ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަކީ ރާއްޖޭގެ ސަލާމަތާއި، މިނިވަންކަމަށް އެއިން ނުރަނގަޅު އެއްވެސް އަސަރެއް ކުރާފަދަ އެއްބަސްވުންތަކެއް ނޫން ކަމަށާ، އެފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ދެ ޤައުމެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަކީ ޢާންމުކޮށް ހާމަކުރެވޭނެ އެއްޗެއް ނޫންކަން ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. އެއްބަސްވުންތަކާ ގުޅިގެން ދެވެން ހުރި ހުރިހާ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ދީފައިވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުން މިކަމާގުޅިގެން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަކިން ބޮޑަށް އިންޑިއާއަށް ބަރޯސާވެ އެޤައުމުގެ ނުފޫޒުގެ ދަށުވެފައިވާކަމަށް ދެކެވޭ ވާހަކައަކީވެސް ދޮގެއްކަމަށާ، ރާއްޖެއަށް ފައިދާހުރި ކަންކަމުގައި ދުނިޔޭގެ ހުރިހާ ޤައުމަކާއެކުވެސް ޚާރިޖީ ގުޅުން އޮންނާނެކަމަށެވެ. އަދި މި ސަރުކާރުގެ ވެރިކަމުގައި މިދިޔަ 5 އަހަރުދުވަހަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެންމެ ހަރުދަނާވެ ފުޅާވެގެން ދިޔަ ދުވަސްތައްކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން