ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހޭވަރަށް ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔައީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ބަހުސެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ދަފްތަރުގައި ތިއްބެވީ އެމްޑީޕީގެ 53 މެންބަރުންނާއި ޕީޕީއެމްގެ 5 މެންބަރުންނާއި އެމްއެންޕީގެ 3 މެންބަރުންނާއި ދަ ދިމޮކްރެޓްސްގެ 3 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 2 މެންބަރުންގެ އިތުރުން، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 16 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލްކުރަށްވާ ގޮތަށް އަންނާނެ ބަދަލާއި ގުޅޭ މައްސަލައިގެ ބަހުސަށް ހުޅުވާލައްވާފައެވެ.

މައްސަލައިގައި ބަހުސްކުރުމަށް ކަނޑައެޅި ވަގުތު ހަމަވެ ވޯޓުގެ ވަގުތު ޖެހުނުއިރު، ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރުވެވަޑައިގެންފައިނުވާތީ ރައީސް ނަޝީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން