ދެން އަލުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ގުޅެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ނަޝީދާއި، ރައީސް ޞާލިޙް އަލުން ގުޅިވަޑައިގެން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާގައި ވަނީ އޭނާގެ ތާޢީދު ރައީސް ނަޝީދަށް އެބައޮތް ކަމަށާއި، އެހެންކަމުން ޤައުމުގެ ހަމަޖެހުމަށް ވިސްނަވާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދެ ރައީސުން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ މުހިންމުކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީ އާ އެއް ފިކުރެއްގައި ތިބި ރައްޔިތުންގެ ވޯޓު ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސް އާއެކު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަޝިޕަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.

"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށް" ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް ޖާބިރަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ދެން އެކަން އެގޮތަށް ވާކަށް ނެތް،" ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އިންތިޚާބުގައި ތިންވަނަ ހޯއްދެވި ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15،835 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން