ކުޑަކަކޫ ޖަހާނީ ހަހަމައެކަނި ﷲގެ ޙަޒުރަތަށްކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ފުރަތަމަ ފަހަރަށް ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙާއެކު އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. އިންތީޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ނުލިބުމާއެކު ދެވަނަ ބުރަކަށް ވަނީ ދާންޖެހިފައެވެ.

ފުރަތަމަ ބުރުން އެމްޑީޕީ ދިޔައީ ދެވަނައަށެވެ. އެހެންކަމުން 3ވަނަ އަށް ދިޔަ ދަ ޑިމޮކްރޮޓްސްއާއި އަދި އެއަށްވުރެ ދަށް ނަތީޖާ ލިބުނު ޕާޓީތަކާއި ކެންޑިޑޭޓުންނަށް ފުރަތަމަ ބުރުން އެއްވަނަ ދެވަނައަށް ދިޔަ ފަރާތްތަކުން ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަދު ދީފައެވެ.

އެގޮތުން އެމްޑީޕީން ދިން ދަޢުވަތާ ގުޅިގެން ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެޕާޓީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެން ތާޢީދުކުރާނީ ނުވަތަ އެމްޑީޕީއާއެކު މަސައްކަތްކުރާނީ، ރައީސް ޞާލިޙާއި ޗެއަރޕާސަން ފައްޔާޒާއި އެނޫންވެސް ބައެއް ބޭފުޅުން ޢާންމުކޮށް، ރައީސް ނަޝީދުގެ އަރިހުން މަޢާފަށް އެދުމުންކަމަށެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރެއިން މެމްބަރުންތަކެއް ވަކިވެގެން އުފެއްދި ޕާޓީއެކެވެ. އެޕާޓީ އުފެއްދީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެނެވެ. މައްސަލަ އުފެދުނީ އެންމެފަހުން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީން ނަޝީދު ބަލިވުމުންނެވެ. އެއާއެކު އެމްޑީޕީ ރޫޅާލައްވާނެކަމަށް ވިދާޅުވެ ނަޝީދުވަނީ ވަކިން ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިޚާބުގައި އެޕާޓީން ވަކިން ކެންޑިޑޭޓެއް ނެރުއްވާފައެވެ.

އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީ ރޫޅާލެވިފައިވާކަން ހާމަވާފަދަ ނަތީޖާއެއް ޑިމޮކްރެޓްސްއަކަށް ނުލިބެއެވެ. އެޕާޓީއަށް ލިބުނީ 7.17 އިންސައްތައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 39.02 އިންސައްތައެވެ. ދެބައި އެއްކޮށްލީމާ 50 އިންސައްތައަކަށް ނާރައެވެ. އެހެންކަމުން ރައީސް ޞާލިޙަށް މިއިންތިޚާބު އެއްބުރުން ކާމިޔާބު ނުވީ ޑިމޮކްރެޓްސްގެ ނަމުގައި ބަޔަކު އެމްޑީޕީއާ ވަކިވުމުންކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް އެކަނިވެސް 46.16 އިންސައްތަ ލިބުނެވެ.

އެހެންނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ޑިމޮކްރެޓްސްއިން އަންނަނީ އުފާފާޅުކުރަމުންނެވެ. އަދި އެޕާޓީއަށް ލިބުނީ ބޮޑު ކާމިޔާބެއްކަމަށް ބުނެ އެމްޑީޕީއަށް މަލާމާތާއި ބަހުގެ ޙަމަލާތައް އަންނަނީ ދެމުންނެވެ. ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަށް ރައީސް ޞާލިޙުގެ ފަރާތްޕުޅުން އަދި އެމްޑީޕީގެ ފަރާތުން، ޕީޕީއެމް/ޕީއެންސީ ނޫން ހުރިހާ ފަރާތްތަކަށް ދިން ދަޢުވަތާ ގުޅިގެންވެސް ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީއާ ނުގުޅޭނެކަމަށް ބުނެފައެވެ. އަދި ގުޅޭނަމަ ގުޅޭނީ ބައެއް ޝަރުޠުތަކާއެކުމަށް ބުނެއެވެ.

އެގޮތުން ކަނޑައަޅައި ޢާންމުކުރި އެއް ޝަރުޠަކީ، އެމްޑީޕީގެ ލީޑަރޝިޕުގެ އިސްބޭފުޅުންނާއި ރައީސް ޞާލިޙު ނަޝީދުގެ އަރިހުން މަޢާފަށް އެދިވަޑައިގެން އެކަން ޢާންމުކުރުމެވެ.

އެކަމަށް ރައްދުދެއްވައި ރޭ ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ، މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށެވެ. އަދި ހަޤީޤަތުގައިވެސް މަޢާފަށް އެދެންޖެހޭ ޙާލަތްތަކުގައި މަޢާފަށް އެދެން ޖެހުލުމެއް ނުވާނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިޤައުމު އަނިޔާވެރިކަމުން ސަލާމަތްކުރާނީ އަބަދުވެސް އެމްޑީޕީގެ ލޯގޯކަމަށެވެ. އެއީ އެމްޑީޕީން ކުރާނެކަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން