ޑިމޮކްރެޓްސްގެ މެމްބަރުންނަކީ އަދިވެސް އެމްޑީޕީގެ މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ރޭ ބޭއްވި ރައީސް ޞާލިޙްގެ "އަމާން ދިވެހިރާއްޖެ" ކެމްޕޭން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދެއްވުމަށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މެންބަރުންނަކީ އަދިވެސް އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެމްޑީޕީއަށް އެނބުރި ވަޑައިގަތުމަށް މެންބަރު ޝިޔާން ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. ޝިޔާން ވިދާޅުވީ އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި ދެމިއޮތީ ޑިމޮކްރެޓްސްއަށް ވަޑައިގެންނެވި ބޭފުޅުންގެ މަސައްކަތުންކަމީ ދެބަސްނުވެވޭނޭ ޙަޤީޤަތް ކަމަށެވެ.

ހަމައެއާއެކު ސިޔާސީގޮތުން ޖެހޭ މައްސަލައެއްގައި އެމްޑީޕީއަށް ވެރިކަން ގެއްލޭގޮތަށް ޢަމަލު ކުރެއްވުމަކީ ޑިމޮކްރެޓްސްގެ މެންބަރުންނަށްވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި 30 އަހަރުގެ ވެރިކަން ބަދަލުކޮށް، މި ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިން ފަރާތްތައް ތިއްބެވީ ޑިމޮކްރެޓްސްގައިކަން ޝިޔާން ފާހަގަކުރެއްވިއެވެ.

"ތިޔަބޭފުޅުންނަކީ އެމްޑީޕީގެ މި ތިން ލަފްޒު ތިލަފަތުގައި، މިދިޔަ 15، 18 އަހަރު އަދި އޭގެ ކުރިން ވެސް މި އިސްލާހީ މަސައްކަތް ފެށުނުއިރުގައި ތިއްބެވި ބޭފުޅުން" ޝިޔާން ވިދާޅުވި އެވެ.

މިދިޔަ މެއި މަހު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ތެރޭގައި ޝިޔާން ހިމެނިވަޑައިގެންނެވި އެވެ. ނަމަވެސް، އޭނާ ވަނީ މިދިޔަ މަހު އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކުރަށްވާފަ އެވެ.

މެންބަރު ޝިޔާން ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ގޮވާލައްވާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ އިންތިޚާބުގެ 2 ވަނަ އެވެ. އެހެންކަމުން އެމްޑީޕީން ދަނީ ދެވަނަ ބުރުގައި އެހެނިހެން ޕާޓީތަކުގެ ތާޢީދު ހޯދުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން