އަހުމަދު އިބްރާހިމް   14 ސެޕްޓެމްބަރު 2023 - 20:11
މިމަހުގެ 30ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، 408 މީހަކަށް މުޅިން އަލަށް ވޯޓު ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް ވޯޓުލެވޭ 408 މީހުންނަކީ ފުރަތަމަ ބުރުގެފަހުން ޢުމުރުން 18 އަހަރުވީ މީހުންނެވެ. ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ މީހުންނާއެކު ވޮޓުލެވޭ މީހުންގެ ފައިނަލް ލިސްޓު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގުލިބުނީ 282،395 މީހުންނަށެވެ.

ދެވަނަ ބުރުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބުނު މީހުންނާއެކު މިހާރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 282،803 އެވެ. މި ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 196 އަންހެނުންނާއި 212 ފިރިހެނަކު ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބޭއްވިއިރު، އެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މައްޗަށް ވޯޓު ލިބިވަޑައިނުގެންނެވުމުން ދެވަނަ ބުރެއް ބާއްވަން ޖެހުނީއެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަަދު ސޯލިހެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރުން އޮންނާނީ މިމަހު 15 އިން 17އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން ކުރުން އޮންނާނީ ސެޕްޓެމްބަރު 15، 16 އަދި 17 ގައިކަމަށެވެ.

ހަބީބް ވިދާޅުވީ ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން