ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް މާދަމާ މާފުއްޓަށް ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް މަޖިލީހުގެ އަމީންޢާއްމުގެ އަރިހުގައި ދަންނަވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޢާއްމު މެންބަރުންނާއެކު މިއަދު ބޭއްވި މެންދުރުގެ ފަރިއްކޮޅަކަށްފަހު ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ވޯޓެއް ނެގުމަށްޓަކައި އެމަނިކުފާނުގެ އެހީތެރިކަމަށް އެދުމަށްޓަކައި ކަމަށެވެ.

“ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި. އެވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި އަދި އަޅުގަނޑުމެންނަށް އެހީތެރި ވެދެވެން އޮތްނަމަ އެވާހަކަ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޤައުމެއްގެ ޙަޔާތުގައި ހިނދުކޮޅުތަކެއް އަންނާނެ ކަމަށާއި މިއީ އެފަދަ ހިނދުކޮޅެއް ކަމަށެވެ. އެގޮތުން ޕީޕީއެމުންވެސް ޑިމޮކްރެޓުންގެ ހުށައެޅުންތަކަށް ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް އެބޭފުޅުން އިޢުތިރާޒް ކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެވަނަ ބުރުގައި އަނބުރަން ޖެހޭ ވޯޓްގެ އަދަދަށް ބަލާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ބުރުގައި މޮޅުވުމަކީ މުސްތަހީއްލުކަމެއް ކަމަށެވެ. އަދި އެއީ ނާދިރުކަމަކަށް ވުރެވެސް ދުރުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ރައީސް ޞާލިޙް ދެން އެމަނިކުފާނަށް މޮޅު ނުވެވޭނެކަން ޤަބޫލުކުރެއްވުން އެއީ ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރިކަމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު އެންމެ މުހިންމުކަމަކީ ރައީސް ޞާލިޙްވެސް ޑިމޮކްރެޓުންނާއެކު ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ގޮތެއް ނިންމަންދެން އަބަދު މަޑުކޮށްގެން ޑިމޮކްރަޓުންނަށް ނުތިބެވޭނެކަން އެމްޑީޕީއަށް އެނގެންޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމުން އެދިފައިވާގޮތަށް ޑިމޮކްރަޓުން މާދަމާ ނުވަތަ އަނެއްދުވަހު ގޮތެއް ނިންމަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން