ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ރާއްޖޭން ބޭރުގައި ހުންނަވާ މުއްދަތު އިތުރުކޮށްދިނުމަށް ކަރެކްޝަންގައި އެދިވަޑައިގެންފިއެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްޙީ ތަޖުރިބާކާރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށްކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ވަނީ ބުނެފައެވެ. ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ސިންގަޕޫރަށް ފުރައިވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 11ވަނަ ދުވަހެވެ.



ރާއްޖޭން ބޭރުގައި ބޭސްފަރުވާގެ ބޭނުމަށް ހުންނެވުމަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަދީބަށް ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާއިރު، މި މުއްދަތު އިތުރުކޮށްދޭން އަދީބުގެ ފަރާތްޕުޅުން އެދިވަަޑައިގެންފައިވާކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ. މިއީ މި މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގަތް ތިންވަނަ ފަހަރެވެ.

މިވަގުތު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ އަދީބުގެ ބޭސް ފަރުވާއަށް ކަރެކްޝަނަލް ސާވިސްއިން ފުރަތަމަ ދިފައި ވަނީ 10 ދުވަހެވެ. އޭގެ ފަހުން މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތުމުން އެ ފަހަރު އެ މުއްދަތު މަސް ދުވަހަށް އޮތީ އިތުރުކޮށްދީފަ އެވެ. އަދި އެ މުއްދަތު ހަމަވުމުން އަނެއްކާވެސް އިތުރު 18 ދުވަސް ވަނީ އިތުރުކޮށްދީފައެވެ.

ކަރެެކްޝަނުން ބުނީ، އަދީބަށް ރާއްޖޭންބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއެކު ނިންމި ނިންމުމެއްކަމަށެވެ. ރާއްޖެއިން ބޭރުގައި އަދީބު ހުންނަވާ މުއްދަތުގައި އެ ސަރވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށްވެސް ކަރެކްޝަން ސަރވިސުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވީނަމަވެސް އަދީބުގެ ސިއްޙީ ސަބަބުތަކަކަށްޓަކައި އޭނާވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

މީގެކުރިންވެސް އަދީބު ވަނީ ކަރެކްޝަނަލް ސަރވިސްއިން ހުއްދައެއްގެ ދަށުން ފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާއަށް ފަހު ވަނީ އެނބުރި ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން