މިމަހުގެ 30ވަނަ ދުވަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބޖުރުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީ ކުރި މީހުންގެ ޢަދަދު އެހައި އިތުރުވެގެން ދިޔައީ އިންތިޚާބުގެ ފުރަތަމަބުރުގައި ވޯޓުނުލާތިބި އެތައްބަޔަކަށް ވޯޓުލުމަށް ވިސްނައިދިނުމުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ފުރަތަމަބުރުގައި ވޯޓު ނުލާ މީހުން ހޯދައި އެމީހުންނަށް އެމްޑީޕީއިން ވިސްނައިދީފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވާގޮތުގައި ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރ ކުރަން 47000 މީހުން ފޯމް ހުށަހެޅިއެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ވަރަށް ދުރާލައި އެމްޑީޕީން އައީ ތައްޔާރުވެ ކެމްޕެއިން ކުރަމުންކަމަށެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ވަރަށްކުރިން ފެށިކަމަށާ، ގާތްގަނދަކަށް ދެ މަސް ދުވަހުގެ ކެމްޕޭނެއް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިއަދު ވިސްނާލަންޖެހޭ ބައެއްކަންކަން އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވާއިރު ވިސްނާލަންޖެހޭ ކަމަކީ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ކުރީ ކަންކަމާމެދުކަމަށާ، ފުރަތަމަބުރުގެ ނަތީޖާއިން ދޭހަވަނީ ކޮންކަމެއްތޯއާއި އެމްޑީޕީއަށް ނުކުރެވި އޮތީ ކޮންކަމެއްތޯ ވިސްނާލަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އިންތިޚާބުގެ ފުރަތަމަބުރުން ކާމިޔާބު ނުލިބުނީ ކެމްޕެއިންގައި ކުރަންޖެހޭ ކަންކަން ފުރިހަމައަށް ނުކުރެވުނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ އެމްޑީޕީއާއި އެއޕާޓީއާ ގުޅިފައިވާ ހުރިހާ ޕާޓީތަކުންވެސް އޭގެ ޒިންމާ ނަގަންޖެހޭކަމެއްކަމަށެވެ.

ނިކުމެ މި ތިބީ އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭ ގުޅިފައި އޮތް ކޯލިޝަނެއްކަމަށާ، އެބުރި މި ރާއްޖެ ގެންދަން ބޭނުންވަނީ ބިރުވެރިކަމާ ނާމާން ކަމަގެ ތެރެއަށްތޯ ނުވަތަ ނޫންތޯ ނިންމަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު އެންމެ ބޮޑަށް ވިސަންޖެހޭ ކަމަކީ އެއީކަމަށާ، ފަރުވާ ކުޑަކޮށްލެވިއްޖެނަމަ އެބުރި ގޮސް މި ރާއްޖެ ވެށްޓޭ އަދަވަޅާމެދު ކޮންމެ މީހަކުވެސް ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ފުރަތަމަ ބުރުގެ ވޯޓުން ފެންނަ ހަގީގަތްތަކީ މިއީ މިހާތަނަށް ރާއްޖޭގެ އިންތިހާބެއްގައި އެންމެ މަދުން ވޯޓުލީ ފަހަރުކަންކަމަށާ، އަމާޒަކަށްވާންވީ ވޯޓު ނުލާ މީހުން ވޯޓުނުލި ސަބަބު ހޯދައި އެ މީހުން ހޯދައި އެ މީހުނަށް ވިސްނައިދީ ވޯޓު ފޮށްޓާ ހަމައަށް ގެންގޮސްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެމްޑީޕީއިން ވަނީ އެކަމަށް ތައްޔާރުވެފައިކަމަށާ، ދެވަނަބުރުގެ ރީ-ރަޖިސްޓްރޭޝަންގައި 47،000 މީހުން ރަޖިސްޓްރީ ކުރުމުން އެފެނުނީ އޭގެ ފުރަތަމަ ހެކިކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން