ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ދަ ޑިމޮކްރެޓްސް ކަމަށާއި، މައިނޯރިޓީ ލީޑަރަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އިޢުލާނުކޮށްފިއެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އަތުން ގެއްލި ޑިމޮކްރެޓުންނަށް އެމަގާމު ލިބިފައިވަނީ މަޖިލީހުގެ އިތުރު 10 މެންބަރުން އެޕާޓީއާއި ގުޅިވަޑައިގެންނެވުމުންނެވެ. މިހާރު މަޖިލީހުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވަ އެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން 9:00 ގައި ފެށުމަށް ތާވަލުކުރި ޖަލްސާ ފެށިފައިވަނީ 10:00 ގައެވެ. ޖަލްސާ ފެށުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި މިހާރު އެމްޑީޕީ ފިޔަވައި އެންމެގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީއަކީ ޑިމޮކްރެޓްސް ކަމަށެވެ.

"އެމްޑީޕީ ފިޔަވައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ އަކީ ދަ ޑިމޮކްރެޓްސް، މައިނޯރިޓީ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް." ރައީސް ނަޝީދު އިޢުލާނު ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެސްއާ ގުޅިވަޑައިގެންނެވި 10 މެމްބަރުން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމެނިފައިވާކަން އެ ކޮމިޝަނުންވެސް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ބަދަލާއިއެކު ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވަނީ އެމްޑީޕީގެ 56 މެމްބަރުންނާއި، ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުނާއި، ޕީޕީއެމްގެ 5 މެމްބަރުނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، އެމްއެންޕީގެ 3 މެމްބަރުންނާއި، އެމްޑީއޭގެ ދެ މެމްބަރުންނާއި، ޖޭޕީގެ 2 މެމްބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 3 މެމްބަރުން ހިމެނޭ ގޮތަށް ކަމަށެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާގޮތަށް އައި މިބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވިފައިވާ ގޮތަށާއި، ބަހުސްކުރުމަށް ލިބޭ ވަގުތަށްވެސް ބަދަލުތައް އަންނާނެކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ހުންނެވީ، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން