ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމަވައިފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ޤަރާރު މަޖިލީހަށް ހުށައަޅުއްވަމުން އިލްޔާސް ލަބީބް ވިދާޅުވީ، މިހާރު ނިޒާމު އޮތްގޮތުން ކޮންމެ ފަހަރަކު ރިޔާސީ އިންތިޚާބުގައި ވޯޓްލާން ޖެހެނީ ވެރިޔަކު ބާލަން ނުވަތަ ޖަލުން ބަޔަކު ސަލާމަތްކުރަން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވަނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ލިބިގެންކަމަށްވާއިރު، މިހާތަނަށް ކޯލިޝަން ހެދުމަކާ ނުލައި ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ކާމިޔާބު ކުރެވިފައި ނުވާކަމަށް ޤަރާރުގައިވެއެވެ.

އެހެންކަމުން މިއީ އަނެއްކާވެސް ނިޒާމީ ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ވަގުތުކަމަށާއި، އެކަމާއި ދޭތެރޭ ރައްޔިތުން ދެކޭ ގޮތެއް ބަލަންޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން އިލްޔާސް ހުށައަޅުއްވާފައިވަނީ އޮކްޓޫބަރ 30ގެ ކުރިން އާއްމު ޚިޔާލު ހޯދުމުގެ ވޯޓަށް އެހުމަށެވެ.

"30 އޮކްޓޫބަރު 2023 ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމުގެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަކީ މުޅި ދިވެހިރާއްޖޭގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ، މި ގަރާރު ހުށަހެޅީމެވެ،" އިލްޔާސް ގެ ޤަރާރުގައިވެއެވެ.

އިލްޔާސް ހުށައެޅުއްވި ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޤަސްދު ކުރަށްވާގޮތް ހާމަކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، އުންމީދު ކުރަށްވަނީ މައްސަލައިގެ ބަހުސް މިއަދު ނިންމައި، މުޅި މަޖިލީހުގެ ކޮމިޓީއަށް އެމައްސަލަ ގެންގޮސް އަލުން އަނބުރާ ތަޅުމަށް ހުށައެޅުމަށްފަހު މައްސަލައަށް ވޯޓަށް އެހުމަށް ކަމަށެވެ.

އަދި ޖަލްސާގެ ކޯރަމް ހަމަ ނުވެގެން 2 ދުވަހު ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހުނު ކަމަށާއި އެހެންކަމުން މިއަދުގެ އަމާޒަކީ ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމާއި ހަމައަށް މަޖިލީސް ކުރިއަށް ގެންދިއުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްދު ކުރަނީ ދެން މި ޖަލްސާ ނުނިންމާ މި މަސައްކަތް ނިމޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ސާފުކޮށް ލިބިދީފައި އޮތް ބާރެއްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ޤަރާރު ފާސްކޮށް އާންމު ވޯޓެއް ނަގަން އީސީއަށް އެންގުމުން އެކަން ކުރުން އެކޮމިޝަނުގެ މައްޗަށް ލާޒިމުވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިލްޔާސްގެ ޤަރާރާ ގުޅިގެން ރައީސް ސާލިހު އިއްޔެ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެނޭތޯ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރުމަށްފަހު އެމަނިކުފާނަށް ފޮނުއްވުމުން ނިޒާމީ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެއްބަސްވެވެނީ ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓެއް ނެގުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން