ވެރިކަންކުރާ މައިޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އެޕާޓީ ރޫޅައި އެމްޑީޕީއަށް ގެއްލުންދޭން މަސައްކަތްކުރަމުންދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކަމަށާ، އެ "ގުއި ރޯނުގައި" ނުޖެހުމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ބިލައްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް) ގޮވާލައްވައިފިއެވެ.

ރޭ މަލޭގެ ގަލޮޅު ދެކުނު ދާއިރާގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޙަރަކާތެއްގައި ވާހަކަދައްކަވަމުން ދޮން ބިލެތް ވިދާޅުވީ މިއަދު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ކުރަމުން އަންނައިރު، މާޒީއަށް ބަލާލުން މުހިންމުކަމަށެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތުގައި އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލައި ބޭއިންސާފުން ގަދަކަމުން ކޯޓަށް ގެންގޮސް ޖަލަށްލީ މިއަދުގެ އިދިކޮޅު ކެންޑިޑޭޓު ޑރ. މުޢިއްޒުވެސް ހިމެނިވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުންކަމަށާ، އެއީ އިދިކޮޅުގެ އަސްލު ސިފަކަމަށެވެ.

އޭރުގެ ޙާލަތުގައި ރައީސް ނަޝޚީދު ނޫނީ އިދިކޮޅު އެހެން އެއްވެސް ކެންޑިުޑޭޓެއް ފެންނަންވެސް ނެތްކަމަށާ، ހުރި ހަމައެކަނި އިދިކޮޅު ކެންޑިޑޭޓު ހައްޔަރުކޮށް ޖަލަށްލައި ފުރުސަތު ގެއްލުވާލިކަމަށް ދޮންބިލެއް ވިދާޅުވިއެވެ. މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެމްޑީޕީގެ ރިޔާސީ ޓިކެޓު ޤަބޫލުކުރެއްވީ ރައީސް ނަޝީދަށް އެއްވެސް ފުރުސތެއް އޭރުގެ ސަރުކާރުން ނުދެއްވުމުން، އެއްވެސް ގޮތެއް ނެތުމުންކަމަށާ، އަދި އެމްޑީޕީގެ އެތައްބަޔަކު ރައީސް ޞާލިޙުގެ އަރިހުގައި އެކަމަށްއެދި އާދޭސްކުރުމުން ކަމަށްވެސް ދޮންބިލެތް ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީގެ ވެރިކަމެއް ޤާއިމުވިޔަ ނުދޭން އޭރުވެސް އަދި މިހާރުވެސް އިދިކޮޅުން އަންނަނީ ޙީލަތްތެރި އެތައް މަސައްކަތެއް ކުރަމުންކަމަށް ދޮން ބިލެތް ވިދާޅުވިއެވެ. އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށްވާތީ އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި ފެކްޝަންތައް އުފެދުންފަދަ ކަންކަން ހިނގާނެކަމަށާ، މިއީ ޕާޓީތައް މިހާބޮޑުވެ މެމްބަރުން އިތުރުވުމުން ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުންވެސް ފެންނަ މަންޒަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީގެތެރެއިން ދަ ޑިމޮކްރެޓްސް އުފެދުމަކީވެސް އެފަދަ ކަމެއްކަމަށާ، އެހެންނަމަވެސް މިއީ އެއްބައެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޙާލަތަކީ އަލުން އެކުގައި މަސައްކަތްކޮށް އެމްޑީޕީގެ ސަރުކާރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަންޖެހޭ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލައިގެ ނާޖާއިޒު ފައިދާ ނަގަނީ އިދިކޮޅުންކަމަށެވެ. އެއީ ސީދާ ރައީސް ޔާމީންގެ ރޭވުމުގެތެރެއިން ކުރާ ނުރައްކާތެރި ކަމެއްކަމަށާ، އިދިކޮޅުގެ އަނިޔާވެރިކަން އަލުން އިޢާދަވާން ފުރުސަތު ދިނުމަކީ ވަރަށްބޮޑު ނުރައްކަލެއްކަމަށް ދޮންބިލެތް ވިދާޅުވިއެވެ. އެހެންކަމުން ޑިމޮކްރެޓްސްގެ މެމްބަރުންނަށް އޭނާ ވަނީ އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން