ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ މި ރާއްޖެ ދުށް އެންމެ ޚުލްޤުހެޔޮ އިސްލާމީ ވެރިޔާކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.

މާލޭގެ ގަލޮޅު ދެކުނު ދާއިރާގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން އިވެންޓުގައި ވާހަކަދައްކަވަމުން ޝައިޚް އިލްޔާސް ޖަމާލު ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައި ބަހުގެ ޙަމަލާތައް ދެއްވާފައެވެ. އަދި ރައީސް ޞާލިޙާ ދެކޮޅަށް ދީނީ ކާޑުވެސް އަދި ލާދީނީ ކާޑުވެސް ނުކުޅެވޭނެކަމަށް ޝައިޚް ވަނީ އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވައި ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މީގެކުރިން ރާއްޖޭގައި ދީނީ ކާޑުކުޅުއްވީ ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން ޢައްބްދުﷲ ކަމަށެވެ. އޭރު އިމްރާން ބިރުފުޅުގަތީ ރާއްޖެއަށް ޣައިރުދީންތައް ފަތުރާ "ޖެޒުއިޓް" ފަދަ ފަރާތްތައް އަތުވެދާނެތީކަމަށާ، އަދި އިސްލާމްދީން ނޫން "އަލްޓަނޭޓިވް ނެރެޓިވް" އެއް ގެނެސްފާނެތީކަމަށެވެ. އެހެންނަމަވެސް މިހާރު އެބިރުވެރިކަން އެމްޑީޕީން ފިލާފައިވާކަމަށާ، ޝައިޚް އިމްރާން މިއަދު ހުންނެވީ އެމްޑީޕީއާއެކު ކަމަށްވެސް ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވިއެވެ. އެހެންކަމުން މިއަދު އެމްޑީޕީއާ ދެކޮޅަށް ދީނީ ކާޑުވެސް އަދި ލާދީނީ ކާޑުވެސް ނުކުޅެވޭނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަރަށް ރާވައިގެން ރައިސް ޞާލިޙާދެކޮޅަށް ދީނީ އަދި ލާދީނީ ކާޑު ކުޅެން އުޅުނުކަމަށާ، އެހެންނަމަވެސް އެކަންވަނީ ފެއިލްވެފައިކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ފެއިލްވީ ރައީސް ޞާލިޙުގެ މާތް އަޚްލާޤުގެ ސަބަބުންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޞާލިޙު ރައްޔިތުންނަށް ދެއްކެވީ ދުވަހަކުވެސް ދިވެހި ދަރިޔަކު ނުދައްކަވާފަދަ ހެޔޮ ރީތި އަޚްލާޤެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ ރައީސް ޞާލިޙަކީ އިސްލާމްދީނަށް ނަޞްރުދިނުމުގައި ނަމޫނާ ދައްކަވާފައިވާ ލީޑަރެއްކަމަށެވެ. އެއީ ހަމައެކަނި ރާއްޖޭގެ މަސްރަޙުގައި ކުރެއްވިކަމެއް ނޫންކަމަށާ، މުޅި ދުނިޔޭގައިވެސް އެމަނިކުފާނުވަނީ އިސްލާމްދީނަށް ނަޞްރުދިނުމާއި ދީން ޙިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާފައިކަމަށް ވިދާޅުވިއެވެ.

އެގޮތުން އދ.އިން ވަނީ މިހާރު ދުނިޔޭގައި އިސްލާމްދީނަށް ނަޞްރު ދިނުމަށް ޚާއްސަ ދުވަހެއް ކަނޑައަޅުއްވާފައިކަމަށާ، އެކަން ހަމަޖެއްސެވީ ރައީސް ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ރާއްޖެއިން ކުރި މަސައްކަތުންކަމަށް ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވިއެވެ. އެއީ އދ.ގެ ޢާންމު މަޖިލީހުގެ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހުންނަވައިގެން ރައީސް ޞާލިޙުގެ އިރުޝާދާއެކު ކުރެއްވު މުހިންމު މަސައްކަތްޕުޅެއް ކަމަށް ވިދާޅުވިއެވެ.

އަދި އދ.ގައި ފަލަސްޠީނުގެ ޙައްޤުގައި ކެރިވަޑައިގެން ފާޅުގައި ވަކާލާތު ކުރެއްވުމުގައިވެސް ރައީސް ޞާލިޙުވަނީ ނަމޫނާ ދައްކަވާފައިކަމަށް ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވިއެވެ. އެހެންކަމުން ރައިސް ޞާލިޙަށްވުރެ ބޮޑަށް އިސްލާމްދީނަށް ޚިދުމަތްކުރެއްވި ދިވެހި ވެރިޔެއް ނެތްކަމަށް ޝައިޚް ވިދާޅުވިއެވެ.

އަދި ރައީސް ޞާލިޙަކީ ލާދީނިއްޔަތު ނުވަތަ ސެކިއުލަރިޒަމް ޤަބޫލުކުރައްވާ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާ، އެމަނިކުފާނަށްވުރެބޮޑަށް ދީނީ އިލްމުވެރިންނަށް މިނިވަންކަންދެއްވި ވެރިޔަކުވެސް ނެތްކަމަށް ޝައިޚް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން