ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ރާއްޖޭގެ ކުޅިވަރުކުރިއަރުވަން ކުރެއްވި މަސައްކަތްޕުޅާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދި ކާމިޔާބީތަކުން އެކަނިވެސް ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހައްޤުކަމަށް ކުޅިވަރަބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން އިވެންޓުގައި ވާހަކަފުޅުދައްކަވަމުން މަޚްލޫފް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ނުކުރެވޭވަރަށް މިސަރުކާރުގެ ފުރަތަމަ ދައުރުގެ ފަސްއަހަރުދުވަހުގެ ތެރޭގައި ކުޅިވަރު ކުރިއަރުވަން ސަރުކާރުން މަސައްކަތްތައް ކުރައްވާފައިވާކަމަށެވެ. އޭގެ ނަތީޖާވެސް ވަރަށްފޮނިކަމަށާ، ތާރީޚީ އެތައް ކާމިޔާބީއެއް އެކިއެކި ކުޅިވަރުތަކުން ރާއްޖެވަނީ މިދައުރުގައި ހޯދާފައިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

އެގޮތުން ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ލިބުނު 28 މެޑަލަކީ ރައީސް ޞާލިޙު ރާއްޖޭގެ ކުޅިވަރު ސިޔާސަތަށް ގެނެސްދެއްވި ހެޔޮ ބަދަލުތަކާއި މުހިންމު މަސައްކަތުގެ ނަތީޖާކަމަށް މަޚްލޫފް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ކުޅިވަރުގެ ދާއިރާއިން ހޯދި އެންމެބޮޑު ކާމިޔާބީކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޮޑީބިލްޑިންގެ ގައުމީޓީމު ރާއްޖެއަށް 2 ރަންމެޑަލް، ރިހި މެޑަލަކާއި އަދި ލޯމެޑެލެއް ގެނެސްދީފައިވާކަމަށާ، ރާއްޖޭގެ ބީޗްވޮލީ ޓީމުން ރިހިމެޑަލެއް ގެނެސްދީފައިވާކަމަށާ، މިއީ މިފަހުގެ ދުވަސްތަކުގައި އެކަނި ހޯދިފައިވާ ބޮޑެތި ކާމިޔާބީތައްކަމަށާ، މިނޫނަސް މިފަދަ އެތައް ކާމިޔާބީއެއް މިވެރިކަމުގައި ކުޅިވަރުގެ ދާއިރާއިންވަނީ ހޯދާފައިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

މަޚްލޫފް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނުކުތް ނަތީޖާއަކީ އެމްޑީޕީން ހިތްހަމަޖެހޭ ނަތީޖާއެއް ނޫންކަމަށެވެ. އެހެންނަމަވެސް އެކަން މިހާރު ދެނެގަނެވިއްޖެކަމަށާ، މިހާރު މިނުކުތީ ފަސޭހަކަމާއެކު ދެވަނަ ބުރު ކާމިޔާބުކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި ގަލޮޅު ދެކުނުން "ރާސް ޓަސް" ލާފައި އިންތިޚާބު ކާމިޔާބުކުރާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން