ރައީސް ނަޝީދުގެ އަރިހުން މާފަށްއެދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ކޮށްދިނުމަށް، ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު އެދިއްޖެއެވެ.

ޝުޢައިބަކީ އެމްޑީޕީގެ އިސްމަޤާމުތަކެއް އަދާކޮށް ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެކުރިން ފާހަގަ ކުރެވުނު ފަަރާތެކެވެ. ނަމަވެސް ސުލޫކީ މައްސަލައެއްގައި ފިޔަވަޅުއަޅައި ރައީސް ނަޝީދުގެ ރައީސްކަމުގައި އެމްޑީޕީގައި ޝުއައިބު އަދާކުރަމުންދިޔަ މަޤާމުންވަނީ ވަކިކޮށްފައެވެ. އަދި ފަހުން އޭނާވަނީ އެމްޑީއޭ އާއި ގުޅިފައެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޝުއައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދާއެކު އެމްޑީޕީގައި ހުރިއިރު، އެމަނިކުފާނު ގެންގުޅުއްވާ އުޞޫލުތަކާ ސިޔާސަތުތަކާ ދެބަސްވެ، އެންމެ ބޮޑަށް ފާޑުކީ އެކަކީ އޭނާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ނަޝީދާއި، ސަޕޯޓަރުންގެ ހިތްތަކުގައި އޭނާއާމެދު ނުތަނަވަސް ކަމެއް އޮތްނަމަ، އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށް ޝުޢައިބު ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކުރާ ޝުޢައިބު ބުނެފައިވަނީ ސިޔާސީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވި އެތައް ބަދަލު ތަކެއް ނުގެނެވި އެބަހުރި ކަމަށެވެ. ހަމައެއާއެކު ފަރުދީ ގޮތުން ރައީސް ނަޝީދު މިޤައުމަށް ގެންނަން ބޭނުންވި ބޮޑެތި ގިނަ ބަދަލުތައް ހުންނާނެކަން ޔަޤީންވާ ކަމަށްވެސް ޝުޢައިބު ވަނީ ބުނެފައެވެ.

އެހެންކަމުން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓު 30 ސެޕްޓެމްބަރ 2023 ގެ ކުރިން ނެގުމުގެ ފުރުޞަތު ރައީސް ނަޝީދަށާއި ޑިމޮކްރެޓްސްއަށް މިވަގުތު ފަހިވެގެން ނުދިއުމަކީ، އަނިޔާވެރިކަމާ އަޅުވެތި ކަމަށް އެނބުރި ރުޖޫޢަވާން ޖެހޭ ސަބަބެއް ނޫންކަން ޝުޢައިބު ފާހަގަކޮށްފައިވެއެވެ.

"މީގެ 20 އަހަރު ކުރީން އެތައްހާސް ރައްޔިތުން ހިތްވަރާއެކު ކެރިގެން ނިކުމެ، ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް އޮތް އަނިޔާވެރިކަން ނައްތާލާ އިޞްލާޙު ކުރަން އެމްޑީޕީގެ ތިލަފަތް ދައްކައިގެން ފެށި ބުރަ މަސައްކަތަކީ ހަމައެކަނި ބަރުލަމާނީ ނިޒާމު ގެނައުމެއް ނޫން." ޝުޢައިބު ބުނެފައިވެއެވެ.

ޝުޢައިބު ވަނީ ވޭތުވެ ދިޔަ 20 އަހަރު އަނިޔާވެެރިންގެ ކުރިމަތީ އިސްނުޖަހާ އެމީހުންނާ ދެކޮޅަށް މަސައްކަތް ކުރި މީހެއްގެ ޙަސިއްޔަތުން ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީ ގެ ތިލަފަތަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދަށާ ޑިމޮކްރެޓްސްއަށް އިލްތިމާސްކޮށް އާދޭސް ދަންނަވާފައެވެ.

އަދި ޒާތީ ތަޢައްސަބުން އެކަހެރިވެ އަނިޔާވެރިންނާ ދެކޮޅަށް ޤައުމީ މަސްލަޙަތު އިސްކުރުމަށް ޝުޢައިބު ވަނީ ރައީސް ނަޝީދަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން