ރައީސް ޞާލިޙް އަނިޔާވެރި ނުވާނެ ކަމަށާއި، ވައްކަން ނުކުރަށްވާނެ ކަމަށް އެންވަރަޔަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ގަލޮޅު ކަންމަތީގައި ރޭބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ރައީސް ޞާލިޙް އަނިޔާވެރި ނުވާނެކަމާއި ވައްކަން ނުކުރަށްވާނެކަން އެންމެ ރަނގަޅަށް އެނގޭނީ ގަލޮޅުގެ ރައްޔިތުންނަށް ކަމަށެވެ. އަދި މުޅި ގަލޮޅު އެއްކޮށް ރޭގެ ބައްދަލުވުމަށް ނިކުމެ އޮތީ އެސަބަބާހުރެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އަނިޔާވެރިކަމަށް އެނބުރި ދިއުމަށް ގަލޮޅުގެ ރައްޔިތުން ނުރުހޭނެ ކަމަށެވެ. އެގޮތުން ގަލޮޅުގެ ރައްޔިތުންނަކީ ޕެޕަރ ސްޕްރޭއާއި ކަރަންޓު މުގުރުގެ އަނިޔާގެ ކުރިމަތީވެސް ހިތްވަރުކުރި ބައެއްކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް މީގެ ކުރިން ގަލޮޅުގެ ރައްޔިތުން އާނބަސް ބަސް ބުނެފައި ނުވާކަމަށާއި އެކަން އެގޮތުގައި ދެމެހެއްޓުމަށް ޝައުނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން "އަނެއްދިވެހިރާއްޖެ" އަށް ދާން ދަތުރު ފެށީ ދިވެހިންނަށް ހެޔޮ ވެރިކަމެއް ގެނެސްދިނުމަށް. އޭގެ ފަހުން "ޖަޒީރާ ރާއްޖޭގެ" ދަތުރުން މިހާރު އާދެވިފައި މި ތިބީ "އަމާން ރާއްޖެއަކަށް" ފެށި ދަތުރަށް." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ބޮޑުތަނުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެއިންތިޚާބުގައި ވާދަކުރަށްވާނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން