ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮތީ އެމްޑީޕީ އާއި ޕީޕީއެމް ނޫން ކަމަށާއި، ދެވަނަ ބުރުގައި ރައްޔިތުން ގޮތެއް ނިންމުމަށް އޮތީ އަނިޔާވެރިކަމާއި މިނިވަންކަމުގެ ތަފާތަށް ކަމަށް ގަލޮޅު ދެކުނު ދާއިރާމެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ކަންމަތީގައި ރޭބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ، ދެވަނަ ބުރުގައި ރައްޔިތުން ގޮތެއް ނިންމުމަށް އޮތީ އަނިޔާވެރިކަމާއި މިނިވަންކަމުގެ ތަފާތަށް ކަމަށެވެ. އަދި އެއީ ހެވާއި ނުބައިގެ ތަފާތު ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން ދިޔައީ ވަރަށް މިނިވަންކަމާއެކު، ހިންދެމިލައިގެންކަމަށެވެ. އެހެންކަމުން އޭގެ ކުރީގެ 7 އަހަރުގެ އަނިޔާވެރިކަމާއި ބޭއިންސާފު ރައްޔިތުންގެ ހަނދާނުން ކައްސާލާފައިވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.

"މިހާރު މިއޮތީ ކުރިމަގާއި، މާޒީއަށް ސޮއްސާލުމުގެ ތަފާތު. މި ތަފާތަށް އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ." މީކާއީލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ފުލުހުންގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް، 5600 އަށްވުރެ ގިނަ މައްސަލަ ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި ރައީސް ޞާލިޙުގެ ސަރުކާރުގައި މި އަދަދު 2000 އަށް މަދުކުރެވިފައިވާކަމަށްވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިންހެދުނު މިސްޓޭކްތައް ރަނގަޅުކޮށް ވޯޓުލާން ނިކުތުމަށް މީކާއީލް ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.

"ގޭގައި ނިދާފައި މީހަކު އޮތަސް، އޮފީހުގައި ތާށިވެފައި އަޅުގަނޑުމެންގެ ކޮއްކޮއަކު ހުއްޓަސް، ގޭގައި ކައްކަން އަޅުގަނޑުމެންގެ މަންމަ ބިޒީވެފައި ހުއްޓަސް 30 ސެޕްޓެމްބަރުގައި ވޯޓު ފޮއްޓާ ހަމައަށް ގެންދިއުމަކީ އަޅުގަނޑުގެ އިލްތިމާސެއް." މީކާއީލް ވިދާޅުވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ ފާއިތުވީ ތަނުގައި ދިވެހިންނަށް ކުރިމަތިވި އަނިޔާވެރިކަމުގެ މާޒީއަށް ސޮއްސާލިޔަ ނުދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ގަލޮޅުގެ ރައްޔިތުންނަށް އާދޭސް ދަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން