އޮކްޓޫބަރު 30 ގައި ނިޒާމީ ވޯޓު ނަގަން އެމްޑީޕީން ތާއީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ނިޔާޒް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނަގަން އެމްޑީޕީން ތާޢީދު ކުރަނީ 30 އޮކްޓޯބަރުގައި ކަމަށެވެ.

ޢަލީ ނިޔާޒް ވިދާޅުވީ ފެހި ގާނޫނުއަސާސީ އެކުލަވާލެވުނު ފަހުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައިވެސް ރައްޔިތުން ވޯޓުދީފައިވަނީ ކޯލިޝަން ސަރުކާރަކަށް ކަމަށެވެ. އެހެންކަމުން އެއީ ވެރިކަމުގެ ނިޒާމުގެ ސަބަބުން މެދުވެރިވާ ކަމެއްތޯ ސާފުކުރުމަށް ރައްޔިތުން ކައިރީގައި އެހުމަށް އެމްޑީޕީން އިއުތިރާޒް ނުކުރާކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

"މި ގަރާރުގައި މި ބުނާ ހިޔާލު ހޯދުމުގެ ވޯޓަށް ރައްޔިތުންނާ ހަމައަށް ދިއުމާ ދޭތެރޭގައި އަޅުގަނޑުމެންގެ އިއުތިރާޒެއް ނެތް. އަޅުގަނޑުމެން އެއަށް ތާއީދުކުރަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ޢަލީ ނިޔާޒް ވިދާޅުވީ އެވޯޓު ނަގާނީ ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުން ނޫންކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ. އަދި އީސީގެ ވާހަކައަށް ބަލާއިރު 30 އޮކްޓޯބަރުގައި ވޯޓެއް ނެގިދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވަނީ އެވޯޓަށް ދިއުމަށްޓަކައި އިލްޔާސްގެ ޤަރާރަށް އެމްޑީޕީގެ މެންބަރުން ތާޢީދުކޮށް ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

އިލްޔާސްގެ ގަރާރުގައި އޮކްޓޯބަރު 30 ގައި ވޯޓު ނަގަން އޮތް ނަމަވެސް، އޭނާ ނިސްބަތްވާ ޑިމޮކްރެޓުން ފާސްކޮށްފައިވަނީ މި މަހުގެ 28 ގައި ވޯޓު ނެގުމަށް ހުށަހެޅުމަށެވެ.

އިލްޔާސްގެ ޤަރާރާ ގުޅިގެން ރައީސް ސާލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެނޭތޯ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރުމަށްފަހު އެމަނިކުފާނަށް ފޮނުއްވުމުން ނިޒާމީ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެއްބަސްވެވެނީ ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓެއް ނެގުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން