މާލޭ ރައްޔިތުންނަށް ގޯތި ދޭން ކަނޑައަޅައި ބިން ހިއްކަން ފަށާފައިވާ މާލެއަތޮޅު ގިރާވަރު ފަޅުން އަންނަ ހަފުތާގައި ގޯތި ދޫކުރަން ފަށާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުންދީން ވިދާޅުވެއްޖެއެވެ.

މާލެއަތޮޅު ގިރާވަރު ފަޅުން 169 ހެކްޓަރުގެ ބިން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިއްކައި ނިންމާނެ ކަމަށް، އެ މަސައްކަތް ކުރާ ބޮސްކާލިސްއާއި ސީއެމްސީ ކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އަކްރަމް ވިދާޅުވީ ގިރާވަރުފަޅުގެ ބޮޑުބައި މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި ގޯތި ދޫކުރަން ފަށާނެ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ގޯތި ދޫކުރުމުގެ ކުރިން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކަމަށް އަކްރަމް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލެ ރައްޔިތުންނަށް 2000 ގޯތި ދެއްވާނެކަމަށެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން 5000 ގޯތި، ގުޅިފަޅުން 2200 އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300 އަށްވުރެ ގިނަ ގޯތި މިހާރު ވަނީ ދީފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް މިސަރުކާރުން ދޫކުރި ގޯތި ލިބުނެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމާލާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން