އަހުމަދު އިބްރާހިމް   23 ސެޕްޓެމްބަރު 2023 - 13:33
އަންނަ ހޮނިހިރު ދުވަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގެތެރެއިން ވެރިކަންކުރާ އެމްޑީޕީން މުޅި ރާއްޖޭގައި "ދޮރުން ދޮރަށް" ހިނގުމުގެ ބޮޑު ހަރަކާތެއް މިއަދު ހިންގަން ނިންމައިފިއެވެ.

މި ޙަރަކާތް އޮންނަނީ މިއަދު ހަވީރު 4އިން 6އަށް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. "ދޮރުން ދޮރަށް" ހަރަކާތް ކުރިޔަށްގެންދާނީ ވަކިވަކި ޓީމުތަކަށް ބަހާލައިގެން އެއް ވަގުތެއްގައެވެ. ރާއްޖޭގައި ސިޔާސީ ކެމްޕެއިން މި ސްޓައިލަށް ހިންގުމަކީ އެމްޑީޕީން ރާއްޖެއަށް ތަޢާރަފްކުރިކަމެކެވެ. އަދި ދޮރުން ދޮރަށް މިނަމަކީވެސް އެމްޑީޕީން ފުރަތަމަ ބޭނުންކުރަންފެށި ނަމެކެވެ. "ޑޯ ޓު ޑޯ" ކެމްޕެއިން ދިވެހިކޮށް ދޮރުންދޮރަށް އެމްޑީޕީން މިގޮތަށް ކެމްޕެއިން ފެށުމުން އެކަން ވައިގައި ހިފައި މިހާރު އެކަން ވަނީ ޢާންމުކަމަކަށް ވެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮތީ މިމަހުގެ 9ވަނަ ދުވަހުއެވެ. އެބުރުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓު ހޯދޭގޮތެެއް ނުވިއެވެ. އެންމެ ގިނަ ވޯޓުލިބިވަޑައިގަތް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުޢިއްޒަށްވެސް 50 އިންސައްތަ ނުހޯއްދެވުނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ ދެވަނައެވެ. މި ނަތީޖާއާއެކު އެމްޑީޕީން ވަނީ ކުރިން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދިޔަ ގޮތް ބަދަލުކުރުމަށްފަހު ރައްޔިތުންނާ ކައިރިއަށް ގޮސް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް އިތުރުކޮށްފައެވެ. މިބުރުގައި މާބޮޑު ތަފާތަކާއެކު އިންތިޚާބު ކާމިޔާބުވާނެކަމަށް އެމްޑީޕީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން