އަންނަ ހޮނިހުރު ދުވަހު ނުކުމެ އެންމެން މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާންވީ 2013އިން 2018އަށް އޮތް ޕީޕީއެމްގެ އަނިޔާވެރި ވެރިކަމުގެ ނުރައްކަލާއި ބިރުވެރިކަމުން ސަލާމަތްވުމަށް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އިދިކޮޅު ކެންޑިޑޭޓަށާއި ޕީޕީއެމަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ އިމްރާން މިހެން ވިދާޅުވީ ރޭ އެމްޑީޕީން ހެންވޭރު ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ރެލީގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގެ ދުވަސްތަކަކީ ކަޅު ނާމާން ދުވަސްތަކެއްކަމަށެވެ. އެދުވަސްތަކުގެ މަތިން ހަނދާންކޮށް މިފަހަރު ވޯޓުލާންވީ އެނުރައްކަލާއި ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީން ރާއްޖެއަށް ގެނެސްދިނީ އުފާވެރި އަމާން ދުވަސްތަކެއްކަމަށާ، އަންނަ ރިޔާސީ ދައުރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ކުރެވިއްޖެނަމަ އުފާވެރި އަމާން ރާއްޖެއެއް ކަށަވަރުވެގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށްވުރެބޮޑަށް ވިސްނަންވީ އަނިޔާވެރިކަމާއި ނުރައްކަލުން ސަލާމަތްވުމަށްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރަށްފަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަރަށްގިނަ ބަޔަކަށް އެފަރާތާއި ގުޅުމުގެ ދަޢުވަތު ދިންކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމް އިބްރާހީމާއި ފާރިސް މައުމޫނަށްވެސް އެދަޢުވަތު އިދިކޮޅު ފަރާތްތަކުން ދިންކަމަށާ، އެހެންނަމަވެސް އެދެބޭފުޅުންވެސް އިދިކޮޅާ ނުގުޅުނުކަމަށެވެ. ސަބަބަކީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ އަނެއްކާވެސް ރާއްޖެ ނާމާންކަމާއި ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއަށް ވެއްޓިގެންދާނެކަން އެބޭފުޅުން ޤަބޫލުފުޅުކުރެއްވުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާއި ރާއްޖޭގައި ކުއްކުރާ ބައެއް ގްރޫޕުތަކާ ގުޅުން އޮތްކަމަށް ނުސީދާކޮށް ތުހުމަތުކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކުށްކުރާ ޖަމާއަތްތަކުގެ މައްޗަށް ވެރިކަން ދޫކޮށްލައިފިނަމަ ގައުމުގެ މަގުތައް ލެއިން ތަތްތެޅިގެންދާނެ ކަމަށެވެ.

އެހެންކަމުން ހޮނިހިރުދުވަހުގެ ވޯޓަކީ އަނިޔާވެރިކަަން އިއާދަވިޔަ ނުދިނުމަށް ލާ ވޯޓަކަށް ހެދުމަށް ހޯމް މިނިސްޓަރ ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން